20 ޑިސެންބަރު 2024 - 18:18 0
އަހުމަދު އާއިދު
މާލެ ދަތުރުކުރާ ބޯޓެއް ކަނޑުގަދަ ދުވަހެއްގައި ދުއްވާފައި ދަނީ --- ފޮޓޯ: އަދަދު
20 ޑިސެންބަރު 2024 - 18:18 0
ރާއްޖޭގެ އެންމެ ދެކުނު ދެ އަތޮޅު ކަމަށްވާ އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާ ބަހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނި ގޮތުގައި މި ސަރަހައްދަށް ޔެލޯ އެލާޓު ނެރުނީ މިއަދާއި މިރޭ އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން މި އެލާޓު ނެރެފައިވަނީ މިރޭ 7:00 އާ ހަމައަށެވެ.
ދެކުނުގެ އިތުރުން މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވޭތުވެދިޔަ ދެތިން ދުވަހު ދަނީ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރަމުންނެވެ. ކަނޑުތައްވެސް ފުދޭވަރަކަށް ގަދަ އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްހެން މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އަދި، މި ދުވަސްވަރު ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށްވެސް މެޓުން އިލްތިމާސްކޮށްފައިވެ އެވެ.
ދެ މޫސުން ބެދޭ މި ދުވަސްވަރަކީ އާންމުކޮށްވެސް މޫސުން ގޯސްވާ ދުވަސްވަރެކެވެ. މެޓުން ލަފާކުރާ ގޮތުގައި މި ދުވަސްވަރު ވިލާގަނޑުގައި 55 މޭލާ ހަމައަށް ވައި ގަދަވާނެ އެވެ.
Comment