Advertisement

ގޯތި ވައްކަމާ ގުޅިގެން ހައިދަރު މަޖިލީހަށް ހާޒިރު ކުރަން އެދިއްޖެ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ގޯތި ވައްކަމާ ގުޅިގެން އޭނާ މަޖިލީހަށް ހާޒިރު ކުރަން ވަނީ އެދިފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ


ގޯތި ވައްކަމާ ގުޅިގެން ހައިދަރު މަޖިލީހަށް ހާޒިރު ކުރަން އެދިއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނާސީމް މިއަދު އެދިއްޖެ އެވެ.

މީކާއިލް ވަޒީރާ ސުވާލު ކުުރުމުގެ އެދުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ހަވާލު ކުރި މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީ އަނދި ހާދިސާގައި ގެއްލުނުތޯ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ މައްސަލައާ ގުޅިގެން ސަރުކާރުން މިހާރު އަޅުއްވާފައި ހުރި ފިޔަވަޅުތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓަރު ހައިދަރު، ސޯޝަލް ހައުސިންގެ ފްލެޓްތަކާ ބެހޭ ކޮމިޓީގެ ފިޒާނާ ރަޝީދު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް ޑިމާންޑު ކުރާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަަށް މިހާރު ސަރުކާރުން އަޅުއްވާފައި ހުރި ފިޔަވަޅުތަކަކުން އަޅުގަނޑުމެންނަށް ނުފުދޭ. އެމްޑީޕީގެ ފަރާތުން އަޅުގަނޑުމެން ޑިމާންޑު ކުރަން ހައުސިން މިނިސްޓަރު ހައިދަރު މިހާރުން މިހާރަށް ސަސްޕެންޑު ކުރަން. ފިޒާނާ ރަޝިދު މިހާރުން މިހާރަށް ސޯޝަލް ހައުސިންގެ ފްލެޓްތަކާ ބެހޭ ކޮމިޓީން އެކަހެރި ކުރަން،" އޭނާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް ގޯތި ދިން މައްސަލަ ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.