މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު އެއްވެސް މީހެއްގެ ހައްގެއް ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
ތަރުޖަމާނު ހީނާ ވަލީދު މެދުވެރިކޮށް މިފަދަ ޔަގީންކަމެއް ދިނުމަށް ސަރުކާރަށް މަޖުބޫރުވީ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ދިން މައްސަލައެއް ފެންމަތިވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު "ހޫނު ފެނަށް" ވެއްޓުމާ ގުޅިގެންނެވެ.
"މިކަމާ ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްްގަކަށް އުނިކަމެއް ލިބިފައި ނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވަން," ފަޒުލްގެ ސަސްޕެންޝަނުގެ މައުލޫމާތު ހިއްސާކުރައްވަމުން ހީނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ބޯޑުގެ އެންމެ މެންބަރެއް ފިޔަވައި ހުރިހާ މެންބަރުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި, ޖިނާއީ ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށާފަ އެވެ.
މި މައްސަލައާ ގުޅިގެން "އަދަދު" އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.
މި ގޮތަށް ދޫކޮށްފައި ހުރި އެއް ގޯތީގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދެވެ. އޭނާއަކީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
ބިންވެރިޔާ ސްކީމުގެ ލިސްޓުގެ "އަދަދު" އިން ބެލިއިރު، އެ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އެކަމަކު ބިންވެރިޔާ އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވަ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ، ހުޅުމާލެއިން ނުދެވި ހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް އޭނާ ތުހުމަތުކުރީ އެޗްޑީސީގެ އެމްޑީ ފަޒުލްއަށެވެ. މިހާރު ވެސް މިކަން ހިނގަމުންދާ ކަމަށް އޭނާ ބުންޏެވެ.
Comment