about 3 hours 0
ލީވާން އަލީ ނާސިރު
ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ އެއްބަސްވުމާއި، ވަގަށް ވިއްކި ގޯތީގެ އެއްބަސްވުން
about 3 hours 0
މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ގޯތި ދޫކޮށްފައި ހުރީ އެއްބަސްވުން ނަކަލުކޮށްގެންކަން ހާމަވެއްޖެ އެވެ.
ވަގަށް ގޯތި ދޫކޮށްފައި ހުރި ބައެއް އެއްބަސްވުންތައް ސޯޝަލް މީޑިއާގައި އާންމުވެފައި އޮތްއިރު، އެއިން އެއްވެސް އެއްބަސްވުމެއްގައި ވަކީލުންގެ ނޯޓަރީ ސްޓޭމްޕެއް ނެތެވެ. ނިމިދިޔަ ސަރުކާރުން މި ގޯތިތައް ދޫކުރިއިރު އެކުލަވާލި އެއްބަސްވުން ނޯޓަރައިޒްކޮށްފައި އޮތުމަކީ އޭރުގެ އުސޫލުން ލާޒިމުކަމެކެވެ. އޭރު ގޯތި ހަވާލުކުރީ އެއްބަސްވުން ނޯޓަރައިޒްކުރުމުންނެވެ.
ނޯޓަރައިޒް ކުރެވޭނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ ވަކީލުންނަށެވެ. އޭރުގެ ސަރުކާރުން ގޯތި ދޫކުރުމުގެ އެއްބަސްވުން ނޯޓަރައިޒްކުރުމަށް ވަކީލުން ބޭނުންވެގެން އިއުލާނެއް ކުރި އެވެ. މިނިސްޓްރީގެ އެއްބަސްވުންތައް ނޯޓަރައިޒްކުރީ އެ އިއުލާނުގެ ދަށުން އަގު ހުށަހަޅައިގެން ބިޑު ކާމިޔާބުކުރި ވަކީލުންނެވެ. ނޯޓަރައިޒްކުރުމަކީ އުސޫލުގެ ދަށުން ލާޒިމުކަމަކަށް ވާތީ ނޯޓަރައިޒް ނުކުރާ އެއްބަސްވުންތަކަކީ އެ އުސޫލާ އެއްގޮތަށް ވެފައިވާ އެއްބަސްވުންތަކެއްކަމަށް ނުބެލެވޭނެ އެވެ.
ސަރުކާރުގެ އޮފިޝަލަކު 'އަދަދު' ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ހައުސިންގ މިނިސްޓްރީން ކުރިން އެ އެއްބަސްވުންތަކުގައި ސޮއިކުރި މުވައްޒަފުގެ ސޮއި ފޯޖުކޮށްގެންނެވެ. އަދި އެއްބަސްވުންތައް ތައްޔާރުކޮށްފައިވަނީ މާ ކުރީގެ ތާރީހަކަށެވެ. މިކަމާ ގުޅޭ އެންމެހައި ލިޔުންތައް ހުންނާނީ ދާދި ފަހުން އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އިމާރާތުގެ ތެރޭގައި ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދިނެވެ.
މި މުއާމަލާތްތަކާ ގުޅޭ މައުލޫމާތު އެނގޭ މީހަކު 'އަދަދު' ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ގޯތި ނުލިބޭ މީހުންނަށް ވަގަށް ގޯތި ދޫކުރީ ސަރުކާރުގެ އިސްވެރިންނަށް މަންފާ ލިބޭ ގޮތަށެވެ. އެ މުއާމަލާތްތަކުގެ ފައިސާ އެކި ފަރާތްތަކުން ހޯދުމަށްވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން އަމަލީ ގޮތުން މަސައްކަތުގައި އުޅުނުކަމަށްވެސް އޭނާ ބުންޏެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ގޯތި ދޫކުރިކަން ފަޅާއެރުމުން ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Comment