about 4 hours 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
about 4 hours 0
ވިނަރެސް މަޝްރޫއުގައި އިތުރަށް ކުރަންޖެހުނު މަސައްކަތްތަކަށް ކަމަށް ބުނެ، އެ މަޝްރޫއު ހިންގި ޗައިނާ މެޝިނަރީ އެންޑް އިންޖިނީރިން ކޮމްޕެނީ (ސީއެމްއީސީ) އަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން 9 މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) ދީފި އެވެ.
އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި ފައިސާ ދޫކުރަން އެޗްޑީސީގެ ބޯޑުން ނިންމީ ޑިސެމްބަރު 25، 2023 ގަ އެވެ. ވޭރިއޭޝަންގެ ގޮތުގައި ސީއެމްއީސީ އަށް ފައިސާ ދިނުމަށް ދެ ނިންމުމެއް ބޯޑުން ނިންމި އެވެ. އެއީ؛
ދެ މިލިއަން ޑޮލަރު 60 ޕަސެންޓު ޑޮލަރުން، އަދި ހަތް މިލިއަން ޑޮލަރުގެ ދެ ބައިކުޅަ އެއްބައި ދެއްކީ ޑޮލަރުންނެވެ.
މަޝްރޫއުގެ ވޭރިއޭޝަންގެ ގޮތުގައި ފައިސާ ހޯދަން އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓަށް ވެސް ހުށަހެޅި ކަމާއި، ނަމަވެސް އެރު ހުށަހެޅި ޖުމުލަ ހަތް މިލިއަން ރުފިޔާ ވެސް ބޮޑުވެގެން އެ ފައިސާ ދޫކުރަން އޭރު ނުނިންމާކަމަށް ކުރީގެ މެނޭޖުމެންޓުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.
"އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔައީ ހަތަރު ވަރަކަށް މިލިއަން ޑޮލަރަށް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ މެނޭޖުމެންޓުން ހަތް މިލިއަން ޑޮލަރު ދޫނުކުރަން ނިންމާފައި އޮތްވައި، އެ އަގުގެ މައްޗަށް ދެ މިލިއަން އިތުރުކޮށް ފައިސާ ދޫކުރި ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު ކަށަވަރުކޮށް ދެއްވި އެވެ.
ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަން ޗައިނާގެ ހުނާން ނަމްބާ ސިކްސް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފައިވާ "ކޮމާޝަލް ސްޕައިން" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މަސައްކަތް ފަށާފައި ނުވާއިރު، މަޝްރޫއުގެ އެޑްވާސް ޕޭމެންޓުގެ ގޮތުގައި ޖުމްލަ އަގުގެ 15 ޕަސެންޓަށްވާ 7.6 މިލިއަން ޑޮލަރު (117 މިލިއަން ރުފިޔާ) ވެސް އެޗްޑީސީން ވަނީ ދޫކޮށްފަ އެވެ.
ހިޔާ ފްލެޓުގައި އިތުރު ލިފްޓު ހަރުކުރަން 18.3 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ވެސް ވަނީ ދޫކޮށްފަ އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެޅި ހިޔާ ފްލެޓުގެ 16 ޓަވަރުގައި އިތުރަށް ޖުމުލަ 32 ލިފްޓު ހަރުކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ އެވެ.
Comment