Advertisement

ފުރަތަމަ އިއުލާނު ބާތިލުކޮށް އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް އަދި ރައީސް މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް


ފުރަތަމަ އިއުލާނު ބާތިލުކޮށް އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ފުރަތަމަ ކުރި އިއުލާނު ބާތިލުކޮށް، ރައީސް އޮފީހުން އަނެއްކާވެސް އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އޭސީސީގެ ދެ މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެ ދެ މެންބަރުން ނޮވެމްބަރު 25، ގައި އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރަތަމަ އިއުލާނުކުރީ ޑިސެމްބަރު 8، ގަ އެވެ. އެ އިއުލާނުގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އިއްޔެގެ ރަސްމީ ގަޑިއާ ހަމައަށެވެ. އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާން ކުރީ މިއަދު އެވެ.

ކުރީގެ އިއުލާނު ބާތިލުކުރި ސަބަބެއް ރައީސް އޮފީހުން އަލަށް ގެޒެޓުކުރި އިއުލާނުގައި އަދި މިކަމާ ގުޅިގެން ނެރުނު ހަބަރުގައިވެސް ބުނެފައެއް ނުވެ އެވެ.

އާ އިއުލާނުގެ ދަށުން އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 31، ގެ ރަސްމީ ގަޑީގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މެންބަރުކަމުގެ ޝަރުތުތަކާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފުސީލުތައް ގެޒެޓުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވެ އެވެ.

އޭސީސީގެ ނައިބު ރައީސް ކަމާއި މެންބަރުކަމުގެ ޖާގައެއް ހުސްވެފައި މިވަނީ، އެ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ލިބޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ގާނޫނު ބަދަލުކޮށްފައި ވަނިކޮށެވެ.

އާ ގާނޫނުގެ ދަށުން އޭސީސީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މެންބަރުކަމުގެ ދައުރު ހަމަވެ އީސީގެ ރައީސްކަން ވެސް މިހާރު ވަނީ ހުސްވެފަ އެވެ.