Advertisement

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހަސީބު އައްޔަނުކޮށްފި

16 ޑިސެންބަރު 2024 - 13:17 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ެިއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ލިޔުން ހަސީބުއަށް ރައީސް މުއިއްޒު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހަސީބު އައްޔަނުކޮށްފި

16 ޑިސެންބަރު 2024 - 13:17 0

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އެ ކޮމިޝަނުގެ އެސިސްޓެންޓު ޑިރެކްޓަރުގެ މަގާމުގައި މިވަގުތާ ހަމައަށް ހުންނެވި ހުޅުމާލެ ހިޔާ، 11-23-05، އަބްދުލް ހަސީބު އިސްމާއިލް އައްޔަނުކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަސީބުއާ ހަވާލު ކުރެއްވީ ރައީސް އޮފީހުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރަން ފެނެތޯ ބެލުމަށް އަބްދުލް ހަސީބުގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މަގާމުގެ ލިޔުމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސްގެ ކުރިފުޅުމަތީގައި ހަސީބު މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވި އެވެ. މެންބަރުކަމުގެ ހުވާ ހަސީބުއަށް ލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރަލްޑާ ޒާހިރު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހަސީބު އައްޔަނުކުރެއްވީ، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު މިދިޔަ ނޮވެމްބަރު 24، ގައި ހަމަވުމުންނެވެ. ފުއާދު މިހާރު ހުންނެވީ ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.

އަބްދުލްހަސީބު އަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އިސްލާމިކް މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިނިސްޓަރީގެ ބައެއް މުވައްޒަފުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލު ކުރާ ކަމަށް ބުނެ އެ މަގާމުން އޭނާ ވަކި ކުރެއްވީ އޭރު އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރުގެ އެދިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ކޮންމެ ބޭފުޅަކަށް ވެސް އަދާ ކުރެއްވޭނީ ދެ ދައުރެވެ.