Advertisement

ކަންބޮޑުވީ މީހުންނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ނުބުނެވުނު


ކަންބޮޑުވީ މީހުންނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ނުބުނެވުނު

ސަރުކާރަށް އަހަރެއް ވެއްޖެ އެވެ. ހޯދާފައިވާ ކާމިިޔާބީތައް ފާހަގަކޮށް ފޮތްތައް ނެރެ ކޭކު ފަޅައިފި އެވެ. އެރި ޕޯޑިއަމެއްގައި ވެއްޖިއްޔާމުން މި ސަރުކާރުގެ ވެރިން ދައްކަނީ ހޯދި މޮޅުތަކާއި ފުއްދި ވައުދުތަކުގެ ވާހަކަ އެވެ. ސަރުކާރަށް ތާއީދުކުރާ ބަޔަކު ވެއްޖިއްޔާމުން މަގު މަތިން ދިމާ ވިޔަސް، ހޮޅުއަށްޓަކުން ދިމާވިޔަސް ހަމަ މި ވާހަކަ އެވެ. ޝޯޝަލް މީޑިއާގެ މަންސަތަކުގައި ވެސް މި ނޫން ވާހަކައެއް ނެތެވެ.

ތެދެކެވެ. ސަރުކާރުން މި ވޭތުވީ އަހަރުގެ ތެރޭގައި ކޮންމެވެސް މަސައްކަތްތަކެއް ކޮށްފި އެވެ. ބައެއް ވައުދުތައް ވެސް ފުއްދައިފި އެވެ. މެނިފެސްޓޯ އިއުލާނުކުރިއިރު އޭގައި ނެތް ކަންކަން ވެސް ކޮށްފި އެވެ. ނުވެސް ކުރާނަމޭ ބުނި ކަންކަން ވެސް ކޮށްފި އެވެ. ކުރާނަމޭ ބުނި ކަންކަން ނުކޮށް ވެސް އެބަހުއްޓެވެ. މިކުރަނީއޭ ކިޔާފައި ނުކޮށް ހުރި ކަންކަން ވެސް އެބަހުއްޓެވެ.

މި ލިޔުމުގައި މި އަލިއަޅުވާލަނީ މި ކުރަނީއޭ ކިޔާފައި ނުކޮށް އޮތް ކަމަކަށެވެ. އެއީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެވެ.

ވެރިކަމަށް އައުމުގެ ކުރިން ބޮޑު ގޯހެއް

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު، އަދުގެ ސަރުކާރުގެ އިސް ސަފުގައި ތިބި މީހުންގެ ކުރީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ އެ ސަރުކާރުގައި ސިޔާސީ މުވައްޒަފުން ގިނަވެގެންނެވެ. އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިންމާލިިއިރު، 1063 ސިޔާސީ މުވައްޒަފުން ތިބި ކަމަށް 2023 އަށް ފާސްކުރި ބަޖެޓުގެ މުވައްޒަފުންގެ ތަފުސީލުތަކުގެ ތާވަލުން ދައްކަ އެވެ.

މި އަދަދު މާ ގިނަ ކަމަށް ބުނެ އިދިކޮޅުގައި ތިބެގެން ލައްކަ ފާޑުކިޔެވެ. އެ ފާޑުކިޔުންތަކުގެ އަޑު އެންމެ ގަދަވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅުން ބޭއްވި އެއްވުންތަކާއި ޖަލްސާތަކުގަ އެވެ. އެ ގޮތުން ބޭއްވުނު އެންމެ ބޮޑު ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ބަސްކޮޅެއް ތިރީގައި ހިއްސާކޮށްލާނަމެވެ.

"ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން މި ބުނަނީ، ބަލަ ބުރާންތިތަކާއޭ ހަރަދު ކުޑަކުރާށޭ. ސިޔާސީ މަގާމުތަކެއް ނޫނޭ އުފައްދަންވީ،" އޭނާ އެ ދުވަހު ވިދާޅުވި އެވެ.

މިއީ އޭރު ވާހަކަތައް ހުރި ގޮތެވެ. އެކަމަކު ވެރިކަން ބަދަލުވެއްޖެ އެވެ. އޭރު ހުރި ވެރިޔާ އާއި ވަޒީރުންގެ މަޖިލިސް ބަދަލުވެއްޖެ އެވެ. ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވެސް ބަދަލުވެއްޖެ އެވެ. ބަދަލުނުވީ ކަމަކީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. ކުރިން ތިބި އަދަދު ގިނަވެގެން ކަންބޮޑުވީ މީހުން ހިންގާ ސަރުކާރުގައި އެހެން އެއްވެސް ސަރުކާރެއްގައި ތިބި ވަރަށް ވުރެ ގިނައިން ސިޔާސީ މުވައްޒަފުން އެބަތިއްބެވެ.

އިންތިގާލީ މުއްދަތުގައި ދިން އަދަދަކީ 700

ކެމްޕެއިންގެ ތެރޭގައި އަދުގެ ރައީސް، އޭރު އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަކަށް ބުނެ މާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. މިހެން ނަމަވެސް އެއްވެސް ހަމައެއް ލަމައެއް ނެތި ސިޔާސީ މަގާމުތައް ދީފައިވާ ކަމުގެ ކަންބޮޑުވުން ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

"އަދި މާ ބޮޑު ބޭނުމެއްނެތް ގޮތެއްގައި އެއްވެސް އުސޫލެއް ހަމައެއްނެތި ދެމުންދާ އެކިކަހަލަ ސިޔާސީ މަގާމުތައް" އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގެ ތެރެއިން ރައީސް ވިދާޅުވި އެވެ.

އިގުތިސޯދީ ހާލަތު ގޯސްވުމުގެ ފަހަތުގައި ސަރުކާރުގެ މަތިބަރު ކަމަށް ވިދާޅުވުމަށް ފަހު، އިންތިހާބު ކާމިޔާބުކުރެއްވި ފަހުން އިންތިގާލީ މަރުހަލާގެ ތެރޭގައި މި ސަރުކާރުގަައި ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުވާނެ ކަމަށް ބުންޏެވެ. މިހެން ވިދާޅުވީ އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން," އޭނާ ވިދާޅުވި އެވެ.

ސަރުކާރާ ހަވާލުވުމުގެ ކުރިން މި އަދަދުގައި ސިޔާސީ މަގާމުތައް ހިފަހައްޓާނެ ކަމަށް ބުނީ އޭގެ ކުރީ ސަރުކާރުތަކުގައި ހެދި ގޯސްތަކެއް ނަހަދާނެ ކަމަށް ތަކުރާރުކުރަމުންނެވެ. އަދި ސަރުކާރާ ހާވަލުވުމަށް ފަހު ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި މަގާމުތައް ނުބަހާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް އަރުވަމުންނެވެ.

ސީދާ އަދަދެއް ނޭނގޭ، ބުނި އަދަދުގެ ދެ ގުނަ އެބަތިބި

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ގިނަ ސިޔާސީ މަގާމުތައް ދިނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިންނާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ފަހުން ހިނގި މުއްދަތުގެ ތެރޭގަ އެވެ. ގިނަ ސިޔާސީ މަގާމުތަކެއް ދިން ނަމަވެސް، މިއަދާ ހަމައަށް ވެސް ސަރުކާރުގައި ތިބީ މިވެނި އަދަދަކަށް ސިޔާސީ މުވައްޒަފުންނޭ ބުނެ ދެއްކޭނެ ރަސްމީ އަދަދެއް ނެތެވެ.

ސިޔާސީ މުވައްޒަފުންގެ ރަސްމީ އަދަދެއް ނޭނގެނީ ސަރުކާރުން އެ އަދަދު ހާމަނުކުރާތީ އެވެ. އެ އަދަދުތައް ހާމަކުރާނެ ކަމަށް ބައިވަރު ތާރީހު ދިނެވެ. އެކަމަކު މިއިން އެއްވެސް ތާރީހެއްގައި ސީދާ އަދަދެއް ނުބުނެވެ އެވެ. ސީދާ އަދަދެއް ހާމަނުކުރެވުނު ތަނުގައި އެތަން މިތަނަށް އާރުޓީއައި ހުށަހަޅައިގެން ވެސް ބައެއް ތަންތަނުން ޖަވާބު ނުދޭތީ ސީދާ އަންދާޒާއެއް ވެސް ނުކުރެވެ އެވެ.

މިހާތަނަށް "އަދަދު" އަށް މައުލޫމާތު ދިން ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެއްކޮށްލާއިރު ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތަކުގައި ތިބި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓްރަނުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން އެކި ގިންތީގެ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 1412 މީހުން އެބަތިއްބެވެ. މިއީ ބުނި އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

މިއީ ހަމައެކަނި ރައީސް އޮފީހާއި ވުޒާރާތަކުގައި ތިބި މީހުންގެ އަދަދެވެ. އޭގެ އިތުރުން ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ލޯކަލް ކައުންސިލުތަކަށާއި ހޮސްޕިޓާތަކަށާއި ނުވެސް ނެތް ޔޫތު ސެންޓަރުތަކަށް ނަގާފައި ތިބި ސިޔާސީ މުވައްޒަފުންނާއި މިހާތަނަށް މައުލޫމާތު ނުދޭ މިނިސްޓްރީތަކުގައި ތިބި މުވައްޒަފުން ހިމެނުމުން މި އަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އަދަދު ހާމަކުރަން ޖެހޭ، އެއީ އިހުތިޔާރީ ކަމެއް ނޫން

ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނީ ޖުލައި މަހުގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، ރައީސް އޮފީހަކަށް އެ އަދަދެއް ނުބުނެވުނެވެ. ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވެސް ލިބެނީ ފިނި ޖަވާބަކެވެ. ބުނަނީ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. މި ބުނާ އަވަސް މިނަކީ ކޮބައިކަމެއް ނޭނގެ އެވެ.

މުވައްޒަފުންގެ އަދަދުތައް ހާމަނުކޮށް ތިބެފައި ސިޔާސީ މުވައްޒަފުން މަދުކޮށްފި ކަމަށް ވެސް ބުނެފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ވަކިކުރި މުވައްޒަފުންގެ ތަފުސީލުތައް ދޭން ސަރުކާރުން ދެކޮޅު ހަދާފައިވާއިރު، ތިބީ ކިހާ ވަރެއް ކަމެއް ނުބުނާތީ މި އަދަދު ކަށަވަރުކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ސަރުކާރަށް ހަނދުމަކޮށްލަ ދޭން ބޭނުންވަނީ އިދިކޮޅުގައި ތިބެގެން އޭރުގެ ސަރުކާރަށް ފާޑުކީއިރު ދެއްކިހާ ވާހަކަތަކެވެ. ރައްޔިތުންގެ ހައްގުގައި ސިޔާސީ މަގާމުތަކާއި އެ މީހުންނަށް ލިބޭ މުސާރަ ކުރާ ހުރިހާ ހަރަދެއް ހާމަވާން ޖެހޭ ކަމަށް ދެއްކި ވާހަކަތަކެވެ. މި އަދަދު ނުބުނެ އެއީ އިހުތިޔާރީ ކަމެއް ކަމަށް ހިތުލައިގެން ތިބިއިރު، ރައްޔިތުންގެ ހައްގުގައި ބުނި ބަސްތައް އަމަލުން ދައްކާށެވެ.