15 ޑިސެންބަރު 2024 - 10:59 3
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯޑިއަމެއްގައި ވާހަކަ ދައްކަވަނީ: ހުރިހާ ރަށަކަށް ދެވަނަ ފަހަރަކަށް 2027 ގައި ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
15 ޑިސެންބަރު 2024 - 10:59 3
މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގަައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވުމަށްފަހު އަންނަ އަހަރު ތެރޭގައި ބަހާލައިގެން ރާއްޖޭގައި ނުދެވި ހުރި ހުރިހާ ރަށްތަކަށް ދަތުރުތައްކޮށް، ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރާނެ ކަމަށެވެ.
"ދެވަނަ ރައުންޑަކަށް ވެސް މެދަށް އެއް އަހަރު ދޫކޮށްލާފައި އިރާދަކުރެއްވިއްޔާ 2027 ގެ ތެރޭގައި އަޅުގަނޑު ހުރިހާ ރަށަކަށް އަނެއްކާ ވެސް ދެވަނަ ބުރެއް އެޅުން އަޅުގަނޑުގެ ޕްލޭންއަކީ. އަޅުގަނޑު ވައުދުވެފަ ވެސް އޮތް ގޮތް. ދައުރު ތެރޭގައި ދެ ފަހަރު ކޮންމެ ރަށަކަށް ދާނަމޭ،" ރައީސް ވިދާޅުވި އެވެ.
ރަށު ކައުންސިލުތަކުން އެއްބާރުލުން ލިބޭކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް މަގުފަހި ކުރުމަށް ކަމަށެވެ.
"ކޮންމެ ރަށެއްގެ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްދަލު ކުރާނަން. އޭރުން ތިބޭފުޅުންގެ ފަރާތްޕުޅުން ސީދާ އަޅުގަނޑަށް ކަންކަން އެނގިގެންދާނެ އަދި ތިބޭފުޅުންނަށް ކަންކަން ވިދާޅުވެވޭނެ. ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިޔުމުގައި އަޅުގަނޑަށް އޭރުން ސީދާ ކަންކަން ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފު ތަރުތީބު ކުރައްވާފައި ވަނީ ހުރިހާ ކައުންސިލުތަކާ ބައްދަލުވާނެ ގޮތަކަށް ކަމަށާއި ދެން ބައްދަލު ނުކުރެވި އޮތީ ހަތަރު ވަރަކަށް ކައުންސިލް ކަމަށެވެ.
އެގޮތުން އެ ހަތަރު ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު އަމާޒު ހިފާނީ ނުދެވި ހުރި ހުރިހާ ރަށަކަަށް ދިޔުމުގެ މަސައްކަތްކަން އެމަނިކުފާނު ފާހަގަ ކުރެއްފވި އެވެ.
ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment