about 3 hours 0
މުހައްމަދު ޝަހްޒާން
މަގު ބަންދުވާގޮތަށް ބޭއްވި ޓެކްސީތައް ޓޯކުރި ވަގުތު -- ފޮޓޯ: ދައުރު
about 3 hours 0
ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ މަގު ބަންދުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށް ގޮވި ޓެކްސީތައް ޓޯކޮށްފި އެވެ.
ހައިވޭއަށް އަރަން އޮންނަ ނިރޮޅު މަގު ބަންދުވާ ގޮތަށް މަގު މެދުގައި ކާރުތައް ޕާކުކޮށް އެ ސަރަހައްދު ރޭ 9:00 ހާއިރު ޓެކްސީ ޑްރައިވަރުން ބަންދު ކުރީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިއްޔެ ހަވީރު 4:00 އިން ފެށިގެން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖާ ނިންމާލުމަށް ފަހު އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރީ ސަަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ސީދާ ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކޮށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށެވެ. ހަތަރު ވަރަކަށް ގަޑިއިރު، އެ އިހުތިޖާޖު ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށްފަހު ޓެކްސީ ޑްރައިވަރުން މަގުމައްޗަށް ނުކުތީ ސަރުކާރުން އެއްވެސް އިޖާބައެއް ނުދިނުމުންނެވެ.
ރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ.
ސަރުކާރާމެދު ހިތްހަމަ ނުޖެހިފައި ތިބި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން، އާމްދަނީ ހޯދުން ވަގުތީ ގޮތުން ހުއްޓައިލުމަށް ފަހު، ނިރޮޅުމަގުގައި އެ މީހުންގެ ޓެކްސީތައް ބޭއްވި އެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދު ކޮންޓްރޯލްގެ ދަށަށް ގެންދިޔަ އެވެ.
އެއަށްފަހު ފުލުހުން ވަނީ މަގު ބަންދުކުރި ޓެކްސީތައް ހައިވޭއަށް އެެރިޔަ ނުދީ، ނިރޮޅުމަގު ކޮޅުން ހުޅަނގަށް ގެންގޮސް ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ޓެކްސީތައް ހިފަހައްޓައިފަ އެވެ.
އެ ސަރަހައްދުގައި ތިބި "އަދަދު" ގެ ނޫސްވެރިން ބުނީ ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ހިފެހެއްޓި ކާރުތައް ޓޯކޮށް ނިމުނީ ރޭ 11:40 ހާއިރު ކަމަށެވެ. 20 އަށްވުރެ ގިނަ ޓެކްސީ ފުލުހުން ޓޯކުރި ކަމަށް މި ނޫހުގެ ނޫސްވެރިން ބުންޏެވެ.
ބައެއް ޓެކްސީތައް ޓޯ ކުރަން ފުލުހުންގެ ފޯކްލިފްޓު ބޭނުން ކުރި ނަމަވެސް ގިނަ ޓެކްސީތައް ޓޯ ކުރީ ފުލުހުންގެ ބެލުމުގެ ދަށުން ދުއްވާފައި ގެންގޮހެވެ.
ޓެކްސީ ޑްރައިވަރުން ރޭ ކުރި މުޒާހަރާ ކޮންޓްރޯލްކޮށް ނިރޮޅު މަގު ހުޅުވުމަށް ފުލުހުން މަސައްކަތް ކުރި ވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ.
އެ މުޒާހަރާ ރޫޅައިލުމަށްފަހު އެކަމުގައި އިސްކޮށް އުޅުނު ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްތު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.
އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.
އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ކުރުވުމަށް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment