Advertisement

ބޯ ކަނޑައިލިޔަސް ބޯ ގުދު ނުކުރާނެ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރަމުންދާ އިހުތިޖާޖު -- ސްނެޕްޝޮޓް: ރާއްޖެޓީވީ ލައިވް


ބޯ ކަނޑައިލިޔަސް ބޯ ގުދު ނުކުރާނެ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް

ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް، ބޯ ކަނޑައިލިޔަސް ބޯ ގުދު ނުކުރާނެ ކަމަށް ބުނެ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ޓެކްސީ ޑްރައިވަރުން ސުލްހަވެރި އިހުތިޖާޖު ކުރަމުން ދަނީ ހުޅުމާލެ ރުއްގަނޑު އެކެއްގަ އެވެ. އެ އިހުތިޖާޖުގައި މިވަގުތު ވެސް 80 އަށްވުރެ ގިނަ ކާރު ޑްރައިވަރުން ބައިވެރިވާ ކަމަށް އިހުތިޖާޖުގައި ބައިވެރިވާ މިސްބާހު ޝަރީފު ބުންޏެވެ.

އޭނާ ބުނީ ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ޑިމާންޑަކީ ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތް މިވަގުތުން ވަގުތަށް ހުއްޓައިލުމެވެ.

"މި އިހުތިޖާޖު ދާނީ ކުރިއަށް، އަޅުގަނޑުމެން ހުއްޓައެއް ނުލާނަން، ސަރުކާރުން ރަސްމީ ހައިސިއްޔަތަކުން އަންގަންވީ ޓެކްސީ ހިދުމަތް ސަރުކާރުން ނުދޭން ނިންމި ވާހަކަ، ބަޔާނެއް ނަމަވެސް ނެރެންވީ ޓެކްސީ ފްލީޓެއް ނެރުން ހުއްޓައިލަންވީ އެއިރުން އިހުތިޖާޖު ހުއްޓައިލާނަން،" މިސްބާހު ބުންޏެވެ.

ހުޅުމާލެ ރުއްގަނޑު އެކަކަށް މިއަދު ހަވީރު 4:00 ގައި ޓެކްސީ ޑްރައިވަރުން އެއްވާން މަސައްކަތް ކުރީ ކުރިއާލައި މީސްމީޑިއާގައި އިހުތިޖާޖަށް ނުކުންނަކަން އަންގައި އިއުލާނު ކުރުމަށްފަހު އެވެ.

ނަމަވެސް ޓެކްސީ ޑްރައިވަރުން އެ ސަރަހައްދަށް މިއަދު ދިޔުމުން ފުލުހުން އިހުތިޖާޖަށް ފުރަތަމަ ހުރަސް އެޅި އެވެ. އެއަށްފަހު ޓެކްސީ ޑްރައިވަރުން އެ ސަރަހައްދު ދޫކޮށް ނުގޮސް، އެ ސަރަހައްދުގައި އިހުތިޖާޖު ފެށުމާއެކު ފަހުން ފުލުހުން ވަނީ ރުއްގަނޑަށް ޓެކްސީތައް ވަންނަން ހުއްދަ ދީފަ އެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ބައިވެރިވާ އިތުރު ޑްރައިވަރަކު ބުނީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޓެކްސީ ހިދުމަތް ދޭން ފަށަން 300 އެއްހައި ކާރު މާލެ ގެންނަން ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިހާރު ވެސް ޖާގައިގެ ދަތިކަން އިންތިހާއަށް އޮތްކަން ފާހަގަކޮށް އޭނާ ބުނީ އެކަމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެގެން ދާނެ ކަމަށެވެ.

ޓެކްސީ ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރަން ޑްރައިވަރުން ތައްޔާރަށް ތިބި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ސަރުކާރުން ގަދަކަން ދައްކައި ފަށަން އުޅޭ ހިދުމަތާ ދެކޮޅު ހަދާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ހަގީގަތުގައި މިއަދު މި ހަރަކާތް ބާއްވަން މިއައީ ސަރުކާރުން އަޅުގަނޑުމެންގެ ބޯ ކަނޑައިލިޔަސް އަޅުގަނޑުމެންގެ މި ހައްގުތަކަށް އަޅުގަނޑުމެން މަސައްކަތް ކުރަން ވަރަށް ކެރިގެން ނުކުމެ މިތިބީ، ސުލްހަވެރިކަމާއެކީގައި ކުރާނީ ވެސް،" އޭނާ ބުންޏެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްތު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.

އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ކުރުވުމަށް ކަމަށެވެ.