11 ޑިސެންބަރު 2024 - 14:40 0
އަމަން ހަލީމް
މާފުށީގައި ހުންނަ ކާނި ހޮޓެލްސް: މިއީ ގެސްޓުހައުސް ވިޔަފާރީގައި އެންމެ ގިނަ ކޮޓަރި ހިންގާ އެއް ކުންފުނި -- ފޮޓޯ: އަދަދު ފައިލް
11 ޑިސެންބަރު 2024 - 14:40 0
"ކާނި ހޮޓެލްސް" އިން ޓެކުހަށް ގަސްތުގައި މަކަރު ހެދި ކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.
ގެސްޓުހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ކޮޓަރި ހިންގާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކާނި ހޮޓެލްސްއިން ކ. މާފުށީގައި ހަތަރު ހޮޓަލެއް ހިންގަ އެވެ. އެއީ ކާނި ޕާމް ބީޗް އާއި ކާނި ވިލެޖާއި ކާނި ބީޗު ހޮޓެލްގެ އިތުރުން ކާނި ގްރޭންޑް ސީވިއު އެވެ.
މީރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މި މައްސަލައަކީ ޖެނުއަރީ 1، 2019 އިން ފެށިގެން ސެޕްޓެމްބަރު 30، 2022 ގެ ނިޔަލަށް ކާނި ހޮޓެލްސްއިން މީރާއަށް ހުށަހަޅާފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މިކަން ކޮށްފައި ވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް ޓެކްސް އިދާރާއިން ބުންޏެވެ. މީރާގެ ތަހުގީގުން ފާހަގަވީ ކަންކަމުގެ ތެރޭގައި ހިމެނެނީ:
ގަސްތުގައި ޓެކުހަށް މަކަރު ހެދި މައްސަލައިގައި "ކާނި ހޮޓެލްސް އެންޑް ޓުއާސް" އާއި "އަސްނާ އިންވެސްޓްމަންޓްސް" ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ ނަޝީދު (ކާނި އަބުލޯ) އާއި އާމިނަތު އާސިމާ ސަލީމްގެ އަދި ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހުންނެވި އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.
މީރާ އިން ބުނީ އަށް ލައްކަ ޑޮލަރު (13.3 މިލިއަން ރުފިޔާ) ކާނި ހޮޓެލްސް އިން އިތުރަށް ދައްކަން ޖެހޭ ކަމަށް ޓެކްސް އޮޑިޓުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ޓެކްސް ދައްކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.
ކާނި ހޮޓެލްސްގެ ވެރިޔާ، ކާނި އަބުލޯއަކީ ނޭޝަނަލް ގެސްޓުހައުސް އެންޑް ހޮޓެލްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ވެސް މެ އެވެ. އެ ކުންފުނީގެ ގެސްޓުހައުސް ވިޔަފާރި އެހެން ރަށްރަށަށް ވެސް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވ. މެދުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
Comment