10 ޑިސެންބަރު 2024 - 22:38 0
އަހުމަދު އާއިދު
ކުރީގެ އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ : ޝައުނާ ވިދާޅުވީ ރައީސް މުއިއްޒު ހިންގަވަނީ ދޮގުހަދާ، މުނާފިގު ސަރުކާރެއް ކަމަށް --- ފޮޓޯ: އެމްޑީޕީ
10 ޑިސެންބަރު 2024 - 22:38 0
އަހަރެއް ވެގެންދިޔައިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ސިފަކުރެވެނީ ދޮގުހަދާ، މުނާފިގު ސަރުކާރެއްގެ ގޮތުގައި ކަމަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން، "ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ހާމަކަންބޮޑު ސަރުކާރެއް ހިންގަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ކުރައްވަނީ ސިއްރުވެރި މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އޮކްޓޯބަރު މަހު ވަކިކުރި ކަމަށް ބުނާ 228 ސިޔާސީ މުވައްޒަފުންގެ ވަނަވަރު ސިއްރުކޮށްފައިވާ ކަމަށާއި އެފަދަ އެތައް ކަމެއް ސަރުކާރުން ހިންގާފައިވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
"މިއިން އަޅުގަނޑުމެންނަށް އެނގެނީ ދެ ކަމެއް. މިއީ ދޮގުހަދާ ސަރުކާރެއްކަން. މިއީ މުނާފިގު ސަރުކާރެއްކަން،" ޝައުނާ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިރޭ ވިދާޅުވި ގޮތަށް ޝައުނާ ވެސް ވިދާޅުވީ ރާއްޖެ ދަތުރުކުރަމުން މިދަނީ ހުދުމުހުތާރު ވެރިކަމާ ދިމާލަށް ކަމަށެވެ.
"ރާއްޖޭގެ ކަންކަން މިދަނީ ފަހަތަށް. އަޅުގަނޑުމެން ހޯދާފައިވާ ހައްގުތައް އެދަނީ ދިވެހި ދައުލަތުން ދިވެހި ދައުލަތުގެ ވެރިން ފޭރެމުން. އަޅުގަނޑުމެންނެއް މަޑަކުންނެއް ނުތިބޭނަން،" ޝައުނާ ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ މި ފެށި މަސައްކަތް ނިންމާނީ، ރައްޔިތުންގެ އަޑު ރައީސް މުއިއްޒުއަށް ރަނގަޅަށް އަޑުއިވުނު ދުވަހުން ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަނބުރާ ނުގެންދާހާ ހިނދަކު، އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އަސާސީއަށް ގެނައި ބަދަލުތަކާ ދެކޮޅަށް ޕެޓިޝަނެއް ހަދައި ސޮއި ކުރަން ފަށަން ވެސް އެ ބައްދަލުވުމުގައި ފާސް ކުރި އެވެ.
Comment