8 ޑިސެންބަރު 2024 - 16:14 0
އަހުމަދު އާއިދު
ސީރިއާގެ ކުރީގެ ރައީސް ބަޝާރުލް އަސަދު : އޭނާ ގައުމު ދޫކޮށް ފިލީ އިސްތިއުފާ ދިނުމަށްފަހު --- ފޮޓޯ: އޭޕީ
8 ޑިސެންބަރު 2024 - 16:14 0
ސީރިއާގައި ވޭތުވެދިޔަ 24 އަހަރު ހުދުމުހުތާރު އަދި އަނިޔާވެރި ވެރިކަމެއް ހިންގި ބައްޝާރުލް އަސަދު ރައީސްކަމުން އިސްތިއުފާ ދީފައިވާ ކަމަށް އޭނާއާ ގާތް ގުޅުމެއް އޮތް ރަޝިއާއިން ބުނެފި އެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް ދިމިޝްކު ހިފައި، އެ ގައުމުގެ ދުވަސްވީ ހުދުމުހުތާރު ވެރިކަން ފުރޮޅާލުމާއެކު އަސަދު ވަނީ ގައުމު ދޫކޮށް ފިލާފަ އެވެ. އޭނާ ހުރި ތަނެއް ކަށަވަރެއް ނޫނެވެ.
މިކަމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްތިއުފާދިނުމަށް އަސަދު ނިންމީ އިދިކޮޅު ގްރޫޕުތަކާއެކި ދެކެވުނު ވާހަކަތަކަކަށް ފަހު ކަމަށެވެ. އޭނާ ފިލީ އިސްތިއުފާ ދިނުމަށް ފަހު ކަމަށްވެ އެވެ.
މި ވާހަކަތަކުގައި ރަޝިއާ އިން ބައިވެރިނުވާ ކަމަށް ބުނެ ނެރުނު ބަޔާނުގައި ސީރިއާ ދޫކޮށް ފިލަން އަސަދު ދިޔަ ގައުމެއް ހާމަކޮށްފައެއް ނުވެ އެވެ.
ރަޝިއާ އަކީ މާޗު 2011 ގައި ސީރިއާގައި ފެށި ދާހިލީ ހަނގުރާމާގައި އަސަދު އަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން އެއް ގައުމެވެ. ރަޝިއާގެ ސިފައިންވެސް ވޭތުވެދިޔަ ތަހަރުގެ ތެރޭގައި ސީރިއާގެ އިދިކޮޅު ގްރޫޕުތަކާ ހަނގުރާމަކުރި އެވެ.
މުޅި ސީިރިއާގެ ކޮންޓްރޯލް ހަނގުރާމަވެރި ޖަމާއަތްތަކުން ނަގާފައިވާއިރު، ބައެއް ގައުމުތަކުން އަންނަނީ އަސަދުގެ ވެރިކަން ނިމުކަމަށް އައުމާއެކު އެކަމަށް މަރުހަބާ ކިޔާ ސީރިއާގައި އާ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާފަ އެވެ.
އަސަދުގެ 24 އަހަރުގެ ވެރިކަމަކީ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސީރިއާގެ އާންމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް ދެކެ އެވެ. އެގޮތުން 13 އަހަރުވީ ދާހިލީ ހަނގުރާމާގައި އަސަދުގެ ސިފައިން ވަނީ އެ ގައުމުގެ އެތައް ހާސް އާންމުންނެއް މަރާފަ އެވެ.
އަދި އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަމާއި ޖަލުތަކުގައި އެތައް ލާއިންސާނީ އަނިޔާތަކެއް ދިންކަމުގެ ތުހުމަތުވެސް އަސަދުގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ހަނގުރާމަވެރިން މިހާރު ދަނީ އެ ޖަލުތަކުގައި ތިބި އެތައް ބަޔަކު މިނިވަންކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment