8 ޑިސެންބަރު 2024 - 12:28 0
އަމަން ހަލީމް
އެމްއެމްއޭގެ މައި އިދާރާއަށް މީހަކު ވަންނަނީ: ރިޒާވުގެ ހިސާބުތަކައް ބަލަހައްޓަނީ އެމްއެމްއޭއިން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
8 ޑިސެންބަރު 2024 - 12:28 0
އިންޑިއާ ކަރަންސީ ސްވޮޕުން ބޭންކުތަކަށް ކުރި އިންވެސްޓުމަންޓުތައް ހިމަނައިގެން، މިދިޔަ މަހުގެ ނިޔަލަށް ޔޫސަބަލް ރިޒާވުގައި ހުރި ފައިސާގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 616 މިލިއަން ޑޮލަރެވެ. ބޭންކުތަކަށް އިންވެސްޓުކޮށްފައި ހުރި އަދަދު ކަމަށް ދައްކަނީ 128 މިލިއަން ޑޮލަރެވެ. ބެލެވޭ ގޮތުގައި އެއީ ކުރިން އިންވެސްޓުކުރި ފައިސާގެ އިންޓްރެސްޓުގެ ގޮތުގައި އިތުރުވީ އަދަދެކެވެ.
ކަރަންސީ ސްވޮޕުން ހޯދާ ފައިސާ މީގެ ކުރިން އިންވެސްޓުކުރަމުން އައީ ބޭރުގެ ބޭންކުތަކުގަ އެވެ. ނަމަވެސް މި ފަހަރު އެ ފައިސާއިން ބައެއް ރާއްޖޭގެ ދެ ބޭންކެއްގައި އިންވެސްޓުކުރީ، އެމްއެމްއޭއިން ބުނި ގޮތުގައި، އޭގެން ލިބޭ ނަފާ ވީހާވެސް ބޮޑުކުރުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާ ކުރުމަށެވެ.
މަރުކަޒީ ބޭންކުން ބުނަނީ މިހާރު ޔޫސަބަލް ރިޒާވު ހިސާބުކުރަނީ ބޭންކުތަކަށް އިންވެސްޓުކޮށްފައިވާ ފައިސާ ވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން ކަނޑަންޖެހޭ ބައިތައް (ޕްރީޑިޓާމިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް) ކެނޑުމަށް ފަހު، ޔޫސަބަލް ރިޒާވުގައި ހުރި ކަމަށް ދައްކަނީ 45 މިިލިއަން ޑޮލަރެވެ. މިއީ ކުރީ މަހަށް ވުރެ 14 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ބޭންކުތަކަށް އިންވެސްޓުކޮށްފައި ހުރި ފައިސާގެ އަދަދު ނުހިމަނައި، ޔޫސަބަލް ރިޒާވު ހިސާބުކުރާއިރު ޔޫސަބަލް ރިޒާވަށް އަންނަނީ ނެގެޓިވް އަދަދެކެވެ. އެއީ މައިނަސް 72 މިލިއަން ޑޮލަރެވެ.
މިހާރު ރިޒާވުގައި ހުރި އަދަދަކީ މަސް ދުވަހުގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު ޑޮޮލަރެވެ. އަދި 50 މިލިއަން ޑޮލަރުން ދަށުގައި ރިޒާވުގައި ހުންނަތާ މިވީ ތިން މަސް ދުވަހެވެ.
ނަމަވެސް އަންނަ އަހަރުގެ ތެރޭގައި ރިޒާވުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ސަރުކާރުން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރުމާއި ޑޮލަރުން ނަގާ ޓެކުހާއި ފީތައް ބޮޑުކުރުމާއެކީ ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
Comment