8 ޑިސެންބަރު 2024 - 11:55 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: މަޖިލިސް އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކު މިނިވަން ނުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް
8 ޑިސެންބަރު 2024 - 11:55 0
ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ކްލެމެންސީ ނުވަތަ ގާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މައާފު ދީގެން އެއްވެސް މީހަކު މިނިވަން ކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އއ. ތޮއްޑޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކު ދޫނުކުރި ނަމަވެސް ސަރުކާރުން މުޅި މި މިއަހަރު ޖުމްލަ 86 މީހުން މިނިވަންކޮށްފައިވާނެ ކަމަށެވެ.
"މި އަހަރު ވެސް އޮތޭ އިންތިހާބެއް. މަޖިލިސް އިންތިހާބު. އަޅުގަނޑުމެން އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ބަޔަކު މަގުމައްޗަކަށް ދުލެއް ނުކޮށްލަން. ޖުމްލަ 86 މީހުން ދޫކޮށްލީ. 2019 ގައި އޭރުގެ މަޖިލިސް އިންތިހާބާ ދިމާކޮށް 762 މީހުން ދޫކޮށްލި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރު ތެރޭގައި ކުރީ ސަރުކާރުން 429 މީހުން ދޫކޮށްލިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އޮތް 2021 ގައި 458 މީހުން ދޫކޮށްލިއިރު، 2022 ގައި 256 މީހުން ދޫކޮށްލި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހިދުމަތް ދެނީ ސިޔާސީ ގޮތުން ވިސްނުމުގެ ބަދަލުގައި، ގައުމަށް ރަނގަޅު ކަންކަން ރައްޔިތުންނަށް ވިސްނައިގެން ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ޖަލުގައި ތިބި މީހުން ރިހިބިލިޓޭޓް ކުރުމަށް ޕްރޮގްރާމްތަކެއް ހިންގައި، އޭގެ ތެރެއިން އަހުލާގު ރަނގަޅު މީހުންނަށް އާމްދަނީ ލިބޭ ގޮތަށް ސަރުކާރު މަޝްރޫއުތަކުގައި ޝާމިލުވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިހަށް ދުވަހު ކެބިނެޓުން ފާސްކުރީ ޖަލުގައި ތިބޭ މީހުންނަށް ވެސް ރިހެބިލިޓޭޓްވުމަށް ނޫނީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަން. ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގައި އޭގެ ތެރެއިން އަހުލާގު ރަނގަޅު މީހުންނަށް އިސްކަން ދީގެން ބައިވެރި ކުރަން،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ ވިސްނުން އިސްކޮށް ބަދަލު ހިފުމުގެ ވިސްނުގައި މަސައްކަތް ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.
Comment