6 ޑިސެންބަރު 2024 - 11:18 2
މުހައްމަދު ޝަހްޒާން
ރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
6 ޑިސެންބަރު 2024 - 11:18 2
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އަންނަ އަންގާރަ ދުވަހު އިދިކޮޅު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ހަމަ މަގަށް އަޅުވުމަށްޓަކައި "އަޑު ނުއިވޭ ސަރުކާރަކަށް އަޑު އިއްވައިދޭން" ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަންނަ އަންގާރަ ދުވަހު އެ އެ ޕާޓީން ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ސައްލާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަނީ ކޮން ބޭނުމެއްގައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ.
"އަޅުގަނޑު އެންމެހައި ދިވެހިރައްޔިތުންގެ އަރިހުން އެދެން، އަޅުގަނޑުމެން 10 ޑިސެމްބަރުގައި ކާނިވާ ސަރަހައްދުގައި މި ބާއްވާ ޖަލްސާއަށް ވަޑައިގެންދެއްވާށޭ، އަޅުގަނޑުމެންގެ މަސައްކަތަކީ އަޑު ނުއިވޭ ސަރުކާރަކަށް އަޑު އިއްވުން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ވިސްނައިދެވޭތޯ އެކިއެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ވެރިކަމުގެ އާރާއިބާރު އޮތީމާ އެވާހަކަތަކަށް އިޖާބަ ދިނުމެއް ނެތި، އާންމު ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އޮތްކަން ދައްކަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ އެގޮތަކަށް ނޫން، އަޅުގަނޑުމެން މަގުމަތިން ދާއިރުގައި، މިސްކިތަށް އަރާއިރުގައި ހޮޓަލަކަށް ވަންނައިރުގައި މުސްކުޅި އުމުރުން ފެށިގައި އައިސް ޒުވާނުން މި ބުނަނީ ބަލަ މި މީހުން މި ވެރިކަމުން ބާލަން އެބަޖެހޭ ނޫން ހެއްޔޭ،" ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު އެބަ ދަންނަވަން އަޅުގަނޑުމެންނަކީ މީހުން ވެރިކަމުން ބާލާ ބައެއް ނޫނޭ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަކީ ހަމަ މަގަށް މީހުން އަޅުވާ ބައެކޭ،"
ފައްޔާޒް ވިދާޅުވީ އެމްޑީޕީން ކުރަން މިއުޅޭ ކަމަކި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އެކަން ކުރުމަށްޓަކައި ދިވެހިރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެށިގެން މިދަނީ ސިލްސިލާ ހަރަކާތްތަކެއް ކަމަށް ވިދާޅުވެ، އެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރެއްވުމަށް ފައްޔާޒް ގޮވައިލެއްވި އެވެ.
Comment