Advertisement

އޮސްޓްރޭލިއާއިން 2.3 ޓަނުގެ ކޯކެއިން އާއެކު 13 މީހުން ހައްޔަރުކޮށްފި

2 ޑިސެންބަރު 2024 - 12:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޮސްޓްރޭލިއާއިން ގިނަ އަދަދެއްގެ ކޮކެއިން އަތުލައިގަތުން: އަތުލައިގަތް ކޮކެއިންގެ އަދަދު 2.3 ޓަނަށް އަރާ -- ފޮޓޯ: އޭޕީ


އޮސްޓްރޭލިއާއިން 2.3 ޓަނުގެ ކޯކެއިން އާއެކު 13 މީހުން ހައްޔަރުކޮށްފި

2 ޑިސެންބަރު 2024 - 12:56 0

އޮސްޓްރޭލިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2.3 ޓަނުގެ ކޮކެއިން އާއެކު 13 މީހަކު ހައްޔަރުކޮށްފި އެވެ.

މިއީ އޮސްޓްރޭލިއާގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދެއްގެ ކޮކެއިން އެއްފަހަރާ އަތުލައިގަތް ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) އިން ބުނީ މައްސަލައިގައި ހައްޔަރުކުރީ 11 މީހުންނާއި ދެ ކުޑަކުދިން ކަމަށެވެ.

ކޮކެއިން އަތުލައިގަތީ ކުއީންސްލޭންޑް ކައިރިން މަސް ބޯޓެއް އެހެން ބޯޓަކަށް އެ ތަކެތި ހުސް ކުރަން ދިޔަ މަގުމަތީގައި ކަމަށް އޭއެފްޕީން ބުންޏެވެ.

"އެ ތަކެތީގެ މަގުމަތީ އަގު 494 މިލިއަން އެމެރިކާ ޑޮލަރަށް އަރާ. އަހަރުމެންނަށް އެނގޭ ކުށްވެރިން ރިސްކު ނަގައިގެން ކޮންމެ ދަރަޖައަކަށް ވެސް ގޮސްދާނެކަން. މަސްތުވާތަކެތީގެ ސަބަބުން އޮސްޓްރޭލިއާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި،" އޭއެފްޕީގެ ކޮމާންޑާ ސްޓެފަން ޖޭ ވިދާޅުވި އެވެ.

އޭއެފްޕީން ބުނާ ގޮތުން އެ މަސްތުވާތަކެތި އޮސްޓްރޭލިއާއަށް އެތެރެ ކުރަން އުޅުނީ ގޭންގަކުންނެވެ. އެގޮތުން އެ މަސްތުވާތަކެތި އަތުލައިގަތީ އެތައް މަހެއްގައި ކުރި ތަހުގީގަށް ފަހު ކަމަށް ވެސް އޭއެފްޕީން ބުންޏެވެ.

މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައި ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އެ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޮސްޓްރޭލިއާ ފުލުހުން ވަނީ މިދިޔަ އަހަރާއި މި އަހަރު ތެރޭގައި ޖުމްލަ 31.3 ޓަނުގެ އެކި ބާވަތުގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. އޭގެއިތުރުން ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ވެސް 41.8 ޓަނުގެ މަސްތުވާތަކެތި އަތުލައިގަތެވެ.