29 ނޮވެންބަރު 2024 - 15:56 0
29 ނޮވެންބަރު 2024 - 15:56 0
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މެނޭޖްމަންޓްގައި ސިޔާސީ ގޮތުން ތަފާތު އެކި ފިކުރުގެ މީހުން ހިމެނޭ ކަމަށާއި އެ ކްލަބްގައި ކުރަނީ ތަފާތު މަސައްކަތަކަށްވާއިރު، އެކަން ސިޔާސީ ކަމަކާ ނުގުޅުވުމަށް އެ ކްލަބްގެ އާ ޗެއާމަން، އާ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
ނިއު އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ މުބީން ވިދާޅުވީ އޭނާ ފަހަރެއްގައި ސިޔާސީ ޕޯޑިއަމްތަކުން ފެނިފައި ހުރެދާނެ ކަމަށާއި އެކަމަކު ނިއުގެ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށެވެ.
"(ނިއުގެ މަސައްކަތަކީ) އެއީ އަޅުގަނޑުމެން ކުރާހިތުން އަޅުގަނޑުމެން އެތައް ޒަމާނެއްވީ އެތައް ދުވަހެއްވީ މަސައްކަތެއް. ކުޅިވަރު ތެރޭގައި އަޅުގަނޑު އުޅޭތާ ވަރަށް ދުވަސްވެއްޖެ، އެހެންވީމަ، މި ކަމާ އެއްވެސް ވަރަކަށް ސިޔާސީ ކަންކަމާ ނުގުޅުވުމަށް، އަޅުގަނޑުމެން އެންމެން އެކަތިގަނޑެއް ގޮތުގައި މި އޮތް ޓީމުގައި މިހާރު މި އޮތް ބޯޑުގައި ވެސް ހުރިހާ ފިކުރެއްގެ މީހުން ތިބޭނެ. ހުރިހާ ފިކުރަކަށް ޖާގަ އޮންނާނެ،" މުބީން ވިދާޅުވި އެވެ.
މުބީންގެ އިތުރުން، ދެން ނިއުގެ އިސް މަގާމުތަކުގައި މަސައްކަތްކުރަން އިންތިހާބުވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހާ ހަމައަށް އޮތީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެެވެ. ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި ކުރުމަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލާއި ލީޑަޝިޕްގެ ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމުން ދިން، އަދަބެއް ކަމަށް މުބީން ވިދާޅުވި އެެވެ.
"ނިއު ރޭޑިއަންޓްގެ ހައްގު ހޯދުމުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. ސަޕޯޓަރުން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަމާނަތްތެރިކަމާ ތެދުވެރިކަމާ އެކު ކޮށް ނިއު ރޭޑިއަންޓް ހައްގު މަގާމަށް ގެންދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. ދާން ޖެހިއްޖިއްޔާ، އަޅުގަނޑުމެން ދާނަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ވެސް،" މުބީން ވިދާޅުވި އެވެ.
މިދިޔަ ދެ ސީޒަނުގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ނިއުގެ އާ ބޯޑުން އެ ކްލަބާ ހަވާލުވުމަށް ފަހު އަންނަނީ އެ ކްލަބަށް ހިދުމަތް ކޮށްދީފައިވާ އެކިއެކި ފަރާތްތައް ކޯޗުން ހިމެނޭގޮތަށް ބައްދަލުކުރަމުންނެވެ. އެ ގޮތުން، ކުރެވުުނު މަސައްކަތުގެ އަލީގައި ޓީމެއް އެކުލަވާލުމުގެ ކަންކަން ކުރިއަށްގެންދަމުން އަންނަ ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.
އެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ނިއުއާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު އެބައޮތް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެެވެ. ކޯޗެއް ހޯދުމުގެ ޝޯޓްލިސްޓެއް ވެސް އެކުލަވާލެވިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުންމީދަކީ "ދޮޅު މަހެއްހާ" ދުވަސް ތެރޭގައި ޓީމުގެ ޕްރެކްޓިސް ފެށޭ ހިސާބަށް ކަންކަން ގެންދިއުން ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ.
ނިއުގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ޓާގެޓަކާ އެކު، އަންނަ ޖެނުއަރީ މަހު ހުޅުމާލޭގައި އެކެޑަމީއެއްގެ ކަންކަން ފެށޭނެ ކަމަށާއި މިއީ ގްރޭޓާ މާލެ ސަރަހައްދަށް ޓާގެޓްކޮށްގެން ގިނަ ކުދިންތަކަކާ އެކު ފެށޭ އެކެޑަމީ އަކަށް ވާނެ ކަމަށް ނިއު އިން ވަނީ ބުނެފަ އެެވެ. އަދި އޭގެ އިތުރުން، އާބާދީ ބޮޑު ރަށްތަކުގައި ނިއުގެ އެކެޑަމީ ހަރަކާތްފެށުމަށް ފަހު، ކަންކަން ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު އެކަޑަމީގެ މަސައްކަތް ކުދި އާބާދީގެ ރަށްރަށަށް ވެސް ފުޅާކުރެވޭނެ ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.
Comment