about 3 hours 0
ސާއިފް ޝިޔާދު
about 3 hours 0
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު އެ މަޖިލީހުން ފާސްކުރިއިރު ސަބްސިޑީތަކަށް ގެންނަ ބަދަލުތަކާއި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ބަޖެޓު ދިރާސާކުރި ކޮމިޓީން ހުށަހެޅި ހުށަހެޅުންތައް އުނިކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅީ އޮކްޓޯބަރު 31، ގަ އެވެ. އަދި ބަޖެޓަށް ބަހުސްކޮށް ނިމުނީ ނޮވެމްބަރު 16، ގަ އެވެ. އެ މަރުހަލާގެ ތެރޭގައި ކުރިއަށްދިޔައި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓަށް އަށް ހުށަހެޅުމެއް ހުށަހެޅި އެވެ.
އެ ހުށަހެޅުންތައް އުނިކުރުމަށް ފަހު ބަޖެޓު ފާސްކުރަން ހުށަހެޅި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު އެވެ. އޭނާ ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
ކޮމިޓީ މަރުހަލާގައި ބަޖެޓަށް ޖެނެރަލް ރިކޮމެންޑޭޝަންތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އަށް ކަމެއް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުށަހެޅުއްވި އެވެ. ކޮމިޓީން ފާސްކުރީ އެ ހުށަހެޅުންތައް ހިމަނައިގެންނެވެ.
މި ރެކޮމެންޑޭޝަންތަކަކީ ސަރުކާރުން އަންނަ އަހަރު ތަންފީޒު ކުރުމަށް ނިންމާފައިވާ މުހިންމު ސިޔާސަތުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ހުށަހެޅި ކަންކަމެވެ.
ސަބްސިޑީ ނިޒާމަށް ފަހުގެ ތާރީހެއްގައި ގެންނަ އެންމެ ބޮޑު ބަދަލު ގެންނާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް މިހާތަނަށް އެކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައި ނުވެ އެވެ. ދައުލަތުގެ މާލީ ހިސާބުކިތާބެކޭ އެއްގޮތަށް ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ މާލީ ސިޔާސަތުތަކުގެ މައުލޫމާތު ވެސް ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ.
ސަބްސިޑީތައް ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުގައި 10.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ފާސްކުރީ މަސްވެރިކަމާއި ތެލާއި ކަރަންޓާއި ބޭސްފަރުވާ އާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަކޮށެވެ.
މި ހިނގަމުންދާ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ސަބްސިޑީ ނިޒާމު ބަދަލުކުރުމަށާއި ހަރަދު ކުޑަކުރުމުގެ އެހެން ސިޔާސަތުތަކެއް ވެސް ހިމަނާފައިވެ އެވެ. ނަމަވެސް, ސަރުކާރުން އެ ސިޔާސަތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރުމުން ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް މިއަހަރަށް ފާސްކުރި އެވެ.
Comment