about 3 hours 0
މުހައްމަދު ޝަހްޒާން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުން މަޖިލިސް
about 3 hours 0
ރާއްޖޭގެ އާބަން ސަރަހައްދުތަކެއް ކަނޑައެޅުމާއި ތަރައްގީކުރުމާ ގުޅޭ އުސޫލުތައް ހިމަނައި ސަރުކާރުން މަޖިލީހަށް ހުށަހެޅި އާބަން ޑިވެލޮޕްމެންޓު ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިލު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
އާބަން ޑިވެލޮޕްމެންޓުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގއ. ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލްއަޒީޒެވެ.
އާބަން ޑިވެލޮޕްމެންޓު ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައެޅުމާއި ތަރައްގީ ކުރުމާގުޅެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރުމާއި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމުގެ އަސާސީ އުސޫލުތަކެވެ.
އޭގެއިތުރުން އާބަން ސަރަހައްދުތަކުގެ ބިނާވެށި ޕްލޭންކޮށް އެ ޕްލޭނާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލުގައި ބަޔާން ކޮށްފައިވެ އެެވެ.
އެ ބިލު ދިރާސާ ކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުންނެވެ.
އާބަން ޑިވެލޮޕްމެންޓު ބިލަށް އެ ކޮމިޓީން ގެނެއީ ކުދިކުދި އަށް އިސްލާހެވެ. ފާހަގަކޮށްލެވޭ ބަދަލެއްގެ ގޮތުގައި އޮތީ ޖޫރިމަނާ ކުރާ މަޝްރޫއުއަކީ 20 މިލިއަނަށްވުރެ ބޮޑު މަޝްރޫއުއެއް ނަމަ އެ މަޝްރޫއުގެ އަގުގެ 5 ޕަސެންޓަށްވާ އަދަދު ޖޫރިމަނާ ކުރެވޭ ގޮތަށް ގެނެސްފައި އޮތް އިސްލާހެވެ. ބިލު ހުށަހެޅިއިރު، އޮތީ އެފަދަ މަޝްރޫއުއެއް ޖޫރިމަނާ ކުރެވޭނީ ޖުމުލަ އަގުގެ އެއް ޕަސެންޓުން ކަމަށެވެ.
އާބަން ޑިވެލޮޕްމެންޓު ބިލުގައި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގެ ކަންކަން ސަރުކާރަށް ނިންމޭ ގޮތަށް އޮތުމުން ގިނަ ބަޔަކު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެތެރޭގައި އިދިކޮޅު އެމްޑީޕީ ވެސް ހިމެނެ އެވެ.
Comment