Advertisement

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ފާސްކޮށްފި


ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.

ފިސްކަލް ޒިންމާގެ ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މި ދެ ބިލު ވެސް ފާސްކުރީ 81 މެންބަރުންގެ ވޯޓާއެކު އެވެ. ދެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މައިގަނޑު ހަތަރު ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ؛

  • ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކުރުން.
  • ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓާޖެނެރޭޝަނަލް އިކުއިޓީ ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން.
  • ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން.
  • ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމާއި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާ ބެހޭ އުސޫލުތައް ބަޔާން ކުރުން.

ދަރަންޏާ ބެހޭ ބިލުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގާ ބޭނުން ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމެވެ.