Advertisement

ބޭނުންވާ ވަރަށް ވުރެ އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުނު، ކުންފުނި ކުޑަ ކުރަން އެއްބާރުލުމެއް ނުލިބުނު: މުއާޒު

ސަރުކާރުގެ އިވެންޓެއްގައި މުއާޒު ބައިވެރިވަނީ. އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބޭނުންވާ ވަރަށް ވުރެ އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުނު، ކުންފުނި ކުޑަ ކުރަން އެއްބާރުލުމެއް ނުލިބުނު: މުއާޒު

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މުވައްޒަފުން ނަގަން ޖެހުނު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް މުއާޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ފެނަކަ މިހާރު އޮތް މާލީ ހާލަތުން ސަލާމަތް ކުރެވޭނެ މަގެއް ފެންނަން އޮތްކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ ކުންފުންޏާ ހަވާލުވިއިރު ކުންފުނި އޮތީ 4.3 ބިލިއަން ރުފިޔާއިން ދަރާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި، އަދި ކުންފުނި ރައިޓްސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ގުޅުންހުރި އިދާރާތަކުން ނުލިބުމާއި," އިސްތިއުފާ ދެއްވަން ނިންމެވި ސަބަބުތަކާއި ކުންފުނި މިހާރު އޮތް ހާލަތަށް ވެއްޓުނު ސަބަބުތައް ބަޔާންކުރަމުން މުއާޒު ލިޔުއްވާފައިވެ އެވެ.

އެ ސިޓީގައި އިތުރަށް މުވައްޒަފުން ނަގަން ޖެހުނު ކަމަށް މުއާޒު ވިދާޅުވި ނަމަވެސް އެއީ ކޮން އިރަކު ކާކު އަންގައިގެން ނަގަން ޖެހުނު މުވައްޒަފުންތަކެއް ކަމެއް އޭނާ ހާމަކޮށްފައި ނުވެ އެވެ.

މިފަދައިން އޭނާ ވިދާޅުވެފައިވާއިރު، މި އަހަރު ކުރީކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ފެނަކައަށް ގިނަ މުވައްޒަފުންތަކެއް ނެގި ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ކުރި އެވެ. އެ ވާހަކަތައް ނޫސްތަކަށް ވެސް އެރި އެވެ.

އޭގެއިތުރުން، އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުންފުނިން ތައްޔާރު ކޮށްފައިވާ ޕްލޭން ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާ ކުރި ނަމަވެސް، އެ ކަމަށް މިއަދާ ހަމައަށް އައިއިރު ވެސް އަލި މަގެއް ނުލިބޭ ކަމަށްވެސް މުއާޒުގެ ސިޓީގައި ތުހުމަތު ކުރައްވާފައިވެ އެވެ.

އަދި، ފާއިތުވި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާ ނުކޮށްދެވޭއިރު، އެއީ އެ ކުންފުނީގެ ތާރީހުގައި ހިނގާފައިވާ ކަމެއް ނޫންކަން މުއާޒް ފާހަގަ ކުރެއްވި އެވެ.

އެގޮތުން, މުއާޒް ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާ ކަމަށެވެ.