about 15 hours 0
އަމަން ހަލީމް
މި އަހަރަށް ފާސްކުރި ބަޖެޓުގެ ތަފުސީލުތައް ހިމެނޭ ބަޖެޓު ފޮތް: ހަރަދު ކުޑަކުރަން އެތައް ކަމެއް ހިމަނާފައި އޮތް ނަމަވެސް އެއްވެސް ކަމެއް ނުވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
about 15 hours 0
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި އެކަން ނުކޮށްފި ނަމަ ގައުމުގެ މާލީ ހާލަތު އޮންނާނެ ގޮތުގެ ވާހަކަ މި ސަރުކާރުގެ ވެރިން ލައްކަ ބައިވަރު ފަހަރު ދެއްކި އެވެ. އެ ހުރިހާ ވާހަކައެއް ހިމަނައިގެން ފޮތެއް ލިޔަން ވެއްޖިއްޔާ އެންމެ ފޮތަކުން ނުވާހާ ގިނަ ވާހަކަ ދެއްކި އެވެ.
އަހަރުގެ ކުރީ ކޮޅު ހަރަދުތައް ކުޑަކުރަން އެތައް ކަމެއް ކުރަމުންދާ ކަމަށް ބުންޏެވެ. އެ ގޮތުން ބައެއް މަޝްރޫއުތައް މަޑުޖައްސާލައި އިސްރާފު ހަރަދުތައް ހިނގަމުންދާ ކަންކަން ރިފޯމުކުރުމުގެ ވާހަކަ ދެއްކި އެވެ. ނަމަވެސް ވަކި ހިސާބަކުން މި ހުރިހާ ވާހަކައެއް ހިނދިއްޖެ އެވެ.
ދެން އިވެން ފެށީ ކުރީ ސަރުކާރުން ތައްޔާރުކޮށްފައި އޮތް ބަޖެޓެއްގެ ވާހަކަ އެވެ. ސަރުކާރުން ބުނި ގޮތުން ވެއްޖިއްޔާ އެ ސަރުކާރުން ހަރަދު ކުޑަކުރަން ރާވައިގެން ފިޔަވަޅުތަކެއް އަޅަން ރާވާފައި އޮތް ނަމަވެސް އެއީ ކުރެވޭނެ ގޮތަށް ހުރި ކަންކަމެއް ނޫން ކަމަށް ޝަކުވާ ކުރަން ފެށި އެވެ.
ޝަކުވާ ކުރި ނަމަވެސް، ހަރަދު ކުޑަކުރަން އެތައް ފިޔަވަޅުތަކެއް އަޅައިފި ކަމަށާއި ކުރިއަށް އޮތް ތަނުގައި އަޅާނެ ކަމަށް ބުނީ އެ ސަރުކާރަކުން ނޫނެވެ. މި ސަރުކާރުންނެވެ. މިކަންކަން ސާފުކުރަން "އަދަދު" އިން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެކި ވުޒާރާތަކާއި އިދާރާތަކުން ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކީ ދެ ބިލިއަނަށް ވުރެ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ބުންޏެވެ.
އެކަމަކު ދައުލަތުން އެތައް ދުވަހެއް ވަންދެން ހިފަހައްޓާފައި ހުރި މާލީ ރިޕޯޓުތައް އާންމުކުރަން ފެށުމުން މިއިން އެއްވެސް ތަނެއްގެ ހަރަދު ނުކުރެވޭ ކަން ސާފުކޮށް ފެންނަން އެބައޮތެވެ. އަންނަ އަހަރަށް ތައްޔާރުކޮށް އެކުލަވާލީ ބަޖެޓުން ވެސް މި އަހަރުގެ ތެރޭގައި ހަރަދު ވާނެ ކަމަށް މިހާރު ލަފާކުރާ އަދަދުތަކުން ވެސް ބަޖެޓުން ބައެއް އުނިކޮށްފައިވާ ކަމަށް ބުނެ ދެއްކީ ދޮގު ވާހަކަތަކެއް ސާފުވެ އެވެ.
މިސާލަކަށް ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ނަގަމާ ހިނގާށެވެ. ފިނޭންސުން ދިން މައުލޫމާތުގައި ބަޖެޓުގެ އެންމެ ބޮޑު ބަޔެއް އުނިކުރީ މި މިނިސްޓްރީން ކަމަށް ބުނެފައިވެ އެވެ. އެއީ 914 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މި މަހުގެ 12 އާ ހަމައަށް އެ މިނިސްޓްރީއަށް ފާސްކުރި 6.7 ބިލިއަން ރުފިޔާގެ ބަޖެޓުން 5.7 ބިލިއަން ރުފިޔާ ބޭނުންކޮށްފި އެވެ.
ފިނޭންސުން ބުނީ ތެދު ކަމުގައި ވަނީ ނަމަ 914 މިލިއަން ރުފިޔާ ސަލާމަތްވާނީ މި އަހަރުގެ ބާކީ އޮތް ތަނުގައި އެ މިނިސްޓްރީން އެއްވެސް ހަރަދެއް ނުކުރާނަމަ އެވެ. މުވައްޒަފުންގެ މުސާރަތަކާއި އިތުރު އެއްވެސް އިނާޔަތެއް ވެސް ނުދޭ ގޮތަށެވެ. ކުރުކޮށް ބުނާ ނަމަ، މިނިސްޓްރީގެ ހުރިހާ މަސައްކަތެއް ހުއްޓާލައިގެންނެވެ.
މި މިނިސްޓްރީގެ ވާހަކަ ފާހަގަކޮށްލަނީ އެހެން ބޭނުމެއް ވެސް އޮތުމާ އެކީގަ އެވެ. އެއީ މި ގައުމުގެ އުތުރުން ދެކުނަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ މިނިސްޓްރީއަކީ ވެސް މިއީ ކަމަށްވާތީ އެވެ. މި މަޝްރޫއުތައް ހިންގުމާއި ހަރަދު ކުރުމުގެ ހުރިހާ މަސްއޫލިއްޔަތަކާ ހަވާލުވެ އޮންނަނީ މި މިނިސްޓްރީ އެވެ.
އެކަމަކު ރަށް ފުށުގައި ތިބި ރައްޔިތުންގެ ފަރާތުން ތާއަބަދު އިވޭ އަޑަކީ އެ ރަށްރަށުގައި ހިންގަމުން ދިޔަ މަޝްރޫތައް ހުއްޓާލާފައިވާ ވާހަކަ އެވެ. މަސައްކަތް ކުރަން ގެނެސްފައި ހުރި ސާމާނުތައް ގެންދާ ވާހަކަ އެވެ. އެއްވެސް ކަމެއް ނުނިމި، ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ވާހަކަ އެވެ.
މަދު މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އެ ދާއިރާއިން ވެސް ހަރަދު ކުޑަވީ ކަމަކަށް ނުދައްކަ އެވެ. މާލީ އިދާރާގެ އަދަދުތަކުން ދައްކަނީ މަޝްރޫއުތައް ބާރަށް ހިނގަމުންދާ ކަމަށެވެ. ދެރައީ، ސަރުކާރަށް ތާއީދުކުރާ މީހުން ފިޔަވައި، އެއްވެސް މަސައްކަތެއް ހިނގާތަން ލޮލަށް ފެންނަ ރައްޔިތަކު ނެތީމަ އެވެ.
ކޮންމެއަކަސް، ބަހަނާއެއް އެބައޮތެވެ. އެއީ އެހެން ސަރުކާރަކުން ތައްޔާރުކޮށްފައި ދިން ބަޖެޓަކާ ހަވާލުވާން ޖެހުމުން އެންމެ ފުރިހަމައަށް ބޭނުންވާ ގޮތަށް ކަންކަން ނުވިއްޔޭ ބުނެ ދެއްކެން އޮތް ބަހަނާ އެވެ. އަންނަ އަހަރު އެ ބަހަނާ ދެއްކޭކަށް ނެތެވެ. މިހާރު ތައްޔާރުކޮށްފައި އޮތް ބަޖެޓަކީ މި ސަރުކާރުން ބޭނުންވި ގޮތަށް، މި ސަރުކާރުގެ ފުރިހަމަ ބާރު އޮތް ރައްޔިތުންގެ މަޖިލީހަކުން ފާސްކޮށްފައި އޮތް ބަޖެޓެކެވެ.
އަންނަ އަހަރަކީ ވެސް މި އަހަރެކޭ އެއް ފަދައިން ހަރަދުތައް ކުޑަކުރަން ބައިވަރު ކަންކަން ކުރަން ރާވާފައި އޮތް އަހަރެކެވެ. ތަފާތަކީ ކުރީ ސަރުކާރޭ ބުނެވެން ނެތުމެވެ. މި ފަހަރު މި އަންނަނީ މި ސަރުކާރުން ޕްލޭންކޮށްގެން ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކެކެވެ. އުއްމީދަކީ މި އަހަރެކޭ އެއް ފަދައިން، އަންނަ އަހަރު ނިމޭ އިރު މި ވާހަކަ ނުދައްކައިވޭތޯ އެވެ.
Comment