26 ނޮވެންބަރު 2024 - 10:26 1
މުހައްމަދު ޝަހްޒާން
ބާރަށު ދާއިރާގެ މެންބަރު އަލީ ޝުޖާއު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
26 ނޮވެންބަރު 2024 - 10:26 1
ރާއްޖޭގައި ކުޅިވަރު ކުރިއެރުވޭނީ ކުޅިވަރު ސިޔާސީ ކުރުން ހުއްޓާލައިގެން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޅިވަރު ގާނޫނަށް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކުޅިވަރު ކުރިއަރުވަން މި ސަރުކާރުން ގަދައަޅައި މަސައްކަތް ކުރާނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
"ކުޅިވަރު އަޅުގަނޑުމެންނަށް ހަގީގަތަކަށް ގެނެވޭނީ ނުވަތަ ކުޅިވަރު އަޅުގަނޑުމެންނަށް ތަރއްގީ ކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާ ކުރެވޭ ދުވަހަކުން، އެ ސަރުކާރު މި ސަރުކާރު ކިޔުން ހުއްޓައި އަޅުގަނޑުމެން ސިޔާސީ ހުރިހާ ވަކިތަކުން ކުޅިވަރު ސަލާމަތް ކުރެވޭ ދުވަހަަކުން ނޫނީ ކުޅިވަރު ކުރިއަރައިގެން ދާނެ ކަމާމެދުގައި އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގައި އުފައްދާފައި ހުރި ކުޅިވަރު އެސޯސިއޭޝަންތަކަށްވުރެ ބޮޑަށް ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ކުރަނީ އަތޮޅު އަދި ރަށު ފެންވަރުގައި ކައުންސިލުތަކުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.
ޝުޖާއު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފޯރި ހުންނަ ފުޓުބޯޅަައިގެ ރަން ޒަމާނަކީ ޒޯން ޑިވިޝަންތައް ކުޅުނު ދުވަސްވަރު ކަމަށެވެ. ނަމަވެސް އޭރު ގޯލު ދާގަނޑާއި ފުޓުބޯޅައެއް ގަތުމުގެ ތަނަވަސްކަން ވެސް ބައެއް ރަށްރަށުގައި ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ފުޓުބޯޅަ ފޯރި މާލެ އާއި އަތޮޅު ތެރޭގައި އިންތިހާއަށް ވަރަށް ބޮޑެވެފައި އޭރު އޮތް، މިއަދަކު އެކަމަށް އަޅުގަނޑުމެންނަކަށް ނުފެނޭ، އެހެންނަމަވެސް އޭރަކު ކުޅިވަރާ ބެހޭ ހާއްސަ ވުޒާރާއެއް ނުހުރޭ، އެހެންނަމަވެސް މިއަދު ކުޅިވަރާ ބެހޭ ހާއްސަ ވުޒާރާތައް އެބަހުރި، ތަފާތު ބޮޑެތި މަގާމުތައް އުފައްދައި ބޮޑެތި މޭޒު ގޮނޑި އެ ބޭފުޅުންނަށް ހާއްސަ ކުރެވިފައިވޭ،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިހާރު އޮތް ހާލަތަށް ދިޔައިރު، އެފްއެމްއޭމްއަކީ ކޮރަޕްޝަނުގެ ހާތްޔަކަށް ވެފައި އޮތް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ގާއިމު ކުރެވޭ ކުޅިވަރުގެ ފަންޑާއެކު ދިވެހި ކުޅިވަރު ކުރިއެރުވުމަށް ބާރުލިބި އެހެން ހަރުފަތަކަށް ކުޅިވަރުތައް ގެންދެވޭނެ ކަމަށެވެ.
Comment