26 ނޮވެންބަރު 2024 - 10:05 0
މުހައްމަދު ޝަހްޒާން
ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު، އަމީން ފައިސަލް މަޖިލީހުގައި ވާހަކަދައްކަވަނީ: ކުޅިވަރުގައި ކުރިއެރުން ލިބޭނީ ތަފާތުކުރުންތައް ނައްތާލައިގެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
26 ނޮވެންބަރު 2024 - 10:05 0
ކުޅިވަރުން ލިބޭ ކާމިޔާބީތައް ފާހަގަ ކުރުމުގައި، އެ ވަނަ ހޯދާ ކުޅިވަރަކަށް ބެލުމާއި، ވަނަ ލިބޭ މީހާގެ ޖިންސަން ބަލައި ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު، އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
ކުޅިވަރާ ބެހޭ ގާނޫނަށް ދިއްދޫ ދައިރާގެ މެންބަރު، އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އަމީން ފައިސަލް ވިދާޅުވީ މީގެ ކުރިން ވެސް އަދި މިހާރު ވެސް ދިވެހިންނަށް ރަންވަނަ، ވަނައަކަށް ވަނީ ފުޓުބޯޅައިން ލިބުނީމާ ކަމަށެވެ.
ނަމަވެސް އެހެން ކުޅިވަރުތަކުން ލިބޭ ވަނައިން ވެސް ރީތި ނަން ލިބެނީ ދިވެހިރާއްޖެއަށް ކަން ފާހަގަ ކުރައްވައި، އަމީން ފައިސަލް ވިދާޅުވީ ވަނަ ހޯދާ މީހާގެ ޖިންސަށް ބަލައި ތަފާތު ކުރުން ވެސް ކުރިން ފެށިގެން ރާއްޖޭގައި އޮންނަ ކަމަށެވެ. އަދި ކުޅިވަރުގައި ކުރިއެރުން ލިބޭނީ އެފަދަ ކަންކަން ނައްތާލައިގެން ކަމަށް އެނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ މިއަދު ވެސް ލިބޭ ކުރިން ވެސް ލިބޭ، ރަން ވަނަ ހޯދީމާ ޖިންސުގެ ތަފާތު ކުރުން އޮވޭ، ކުޅިވަރުގެ ތަފާތު ކުރުން އޮވޭ، މި ތަފާތު ކުރުން ނައްތާލައި ކޮންމެ ކުޅިވަރަކުން ވެސް ވަނައެއް ހޯދައިފިއްޔާ އަޅުގަނޑުމެން އެންމެން ގުޅިގެން އެ ހޯދޭ ވަނައަކާ އެއްވަރަށް އެ ފާހަގަ ކޮށްފިއްޔާ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުމެއް،" އަމީން ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިވަރުތަކަށް ވަރަށް ފަރިތަ، ހުނަރުވެރި ކުޅުންތެރިން ރާއްޖޭގެ އެކި ކަންކޮޅުގައި އެބަތިބި ކަމަށެވެ. ނަމަވެސް އެ ކުދިންގެ ހުނަރު ފެނިގެން ނުދަނީ އެކަށީގެންވާ ގޮތެއްގައި ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް އަތޮޅުތެރޭގައި އިންސާފުވެރިކަމާއެކު ކުރެވިފައި ނުވާތީ ކަމަށް އަމީން ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ މި ބިލުން އަޅުގަނޑުމެންނަށް ހުރިހާ ރަށެއްގައި ވެސް ހަމަ، ހަމަހަމަކަމާ އެކީގައި ގޮސް އަލުން އަޅުގަނޑުމެން މިތިބަ ހިސާބާ އެކީގައި ދެން ކުރިއަށް އޮންނަ ތަން މިއަށްވުރެ މުސްތަގުބަލު އަލިވާނެ ގޮތަކަށް ކުޅިވަރު ސިޔާސީ ނުކޮށް އަޅުގަނޑުމެން އަލުން މި ސަރަހައްދުގައި ރާއްޖެއަށް އޮތް ވަނަ ހޯދޭނެ ގޮތެއް މިންވަރު ކުރެއްވުން،" އަމީން ފައިސަލް ވިދާޅުވި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށް ދާ ބަހުސް އަކީ ރާއްޖޭގައި ކުޅޭ ހުރިހާ ކުޅިވަރެއް އެއް އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށްޓަކައި ރާއްޖޭގެ ގައުމީ ކުޅުވަރު އޮނިގަނޑެއް އެކުލަވާލައި ހިންގުމަށް ގާނޫނުގައި ހިމެނުމަށާއި ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތައް ފުށުނާރާ ގޮތަށް ކުޅިވަރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހަށް ބަލައިގަތުމުގެ ކުރިން ހިނގާ ބަހުސް އެވެ.
ބަހުސްއަށް ފަހު އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާނެ އެވެ. ބަލައިގަންނަން ފާސްވެއްޖެ ނަމަ ދިރާސާ ކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް މިއަދު ބިލު ފޮނުވާނެ އެވެ.
Comment