25 ނޮވެންބަރު 2024 - 23:00 1
މުހައްމަދު ޝަހްޒާން
ގަލޮޅު އުތުރު ދާޢިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
25 ނޮވެންބަރު 2024 - 23:00 1
އުމުރުން 18 އަހަރު ނުފުރޭ ދަރިންގެ ހަރަދަށް ދޭންޖެހޭ އެންމެ ކުޑަ މިންވަރެއްގެ ގޮތުގައި އޮންނަ އަދަދު 2000ރ. އަށްވުރެ މަތިކޮށްދޭން އެދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި އެންމެ ކުއްޖަކު ހުރިނަމަ، ދޭންޖެހޭ ހަރަދުގެ ގޮތުގައި 2000ރ. ބަޔާން ކޮށްފައި އޮތް ނަމަވެސް އެއީ ދަރިއެއްގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށްވުރެ ކުޑަ އަދަދެއް ކަމަށެވެ.
"އެންމެ ކުޑަމިނުން ސްކޫލް ޓިއުޝަން ފީތަކަސް އެކަނި ބަލައިލިކަމުގައި ވިޔަސް 2000ރ. އަކުން ނުފުއްދޭނެ އެވެ، ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ހަރަދުތަކަށް އެކަނި ބެލި ނަމަވެސް މި ފައިސާއިން ނުފުއްދޭނެ،" މުހައްމަދު އިބްރާހިމްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައި އޮންނަ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން އެއް ކުއްޖަކު ހުރިނަމަ، އެ ކުއްޖާއަށް 18 އަހަރު ފުރެންދެން، ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް 2000ރ. ދޭންޖެހެ އެވެ. އެއް ކުއްޖަކަށްވުރެ ގިނަ ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް އިތުރުވަނީ 1000ރ. އަށްވުރެ މަދު ނޫން އަދަދެކެވެ.
އެ ފައިސާގެ އިތުރުން ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުމާއި ކިޔަވައިދިނުމުގެ ހަރަދުގެ ގޮތުގައި އަހަރަކު ދެ ޔުނިފޯމާއި އެއް ބޫޓާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ވެސް ހޯދައިދޭން އެ ގަވާއިދުގެ ދަށުން ބަލަދުވެރިޔާއަށް ލާޒިމު ކުރެ އެވެ. އަދި ދަރިންގެ ބޭސްފަރުވާގެ ހަރަދު ވެސް ދިނުން އެ ގަވާއިދުގެ ދަށުން ލާޒިމު ކުރެ އެވެ.
މުހައްމަދު އިބްރާހިމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ހިދުމަތްތަކުގެ އަގު ވެސް އުފުލެމުންދާއިރު ކޯޓުގެ ދިގު މަރުހަލާތައް ކަޑައްތު ކުރުމަށްފަހު ހަމައެކަނި 2000ރ. ލިބުމަކީ ރޫޅިފައިވާ އާއިލާތަކާއި އެކަނިވެރި މައިންނަށް ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށްވާ ކަމަށެވެ.
އެހެންކަމުން، މަޖިލީހުގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް ޖެންޑާ މިނިސްޓަރީ އާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލުކޮށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް މުހައްމަދު އިބްރާހީމްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
Comment