about 8 hours 0
މުހައްމަދު ޝަހްޒާން
ކުރީގެ ޕީޖީ، ހުސެއިން ޝަމީމް -- ފޮޓޯ: އަދަދު ފައިލް
about 8 hours 0
ދިވެހިރާއްޖޭގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އަމުރަކަށް ތަބާނުވުމަކީ ޖިނާއީ ކުށެއް ކަމަށާއި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު ދޭ މުހުލަތުގައި މައުލޫމާތު ހާމަނުކޮށްފި ނަމަ ދައުވާ ކުރެވޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމްގެ ބްލޮގުގައި ޝާއިއު ކުރި ލިޔުމެއްގައި އޭނާ ވިދާޅުވީ އޮންނަ މުއްދަތުގައި މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބެލުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކީ، ގާނޫނު ބުނާ ގޮތުން ދަށު ކޯޓެއްގެ ނިންމުމަކާ އެއްވަރުގެ ގާނޫނީ ބާރު އޮތް ނިންމުމެއް ކަމަށެވެ.
"ކޮމިޝަނަރުގެ ނިންމުމަކީ ދަށު ކޯޓެއްގެ ނިންމުމަކާ އެއްވަރުގެ ގާނޫނީ ބާރު އޮތް ނިންމުމެކެވެ. އެ ނިންމުން ތަންފީޒު ކުރުމަކީ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ 30 ދުވަހުގެ ތެެރޭގައި އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ.
ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުނާފު މުއްދަތުގައި އިންފޮމޭޝަން އޮފިސަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ނިންމުމަކީ ބަދަލު ނުކުރެވޭނެ ގާނޫނީ ނިންމުމަކަށް ބަދަލުވާނެ ކަމަށެވެ. އެހެން އެކަން ކޮށްފި ނަމަ ކަން ކުރެވޭނެ ގޮތް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
އެގޮތުން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފު ނުކޮށް އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް، 45 ދުވަސް ފާއިތުވެއްޖެ ނަމަ އެ ފަރާތަކާމެދު ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމުން އަމަލު ކުރާ އުސޫލުން އަމަލު ކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި ޕީޖީ އޮފީހަށް، އިންފޮމޭޝަން ކޮމިޝަރަށް ހުށަހެޅިދާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ޝަމީމް ފާހަގަކުރައްވާފައިވެ އެވެ.
އެ މުއްދަތަށް ވުރެ ފަހުން އެ މައުލޫމާތެއް ހާމަކުރި ނަމަވެސް، އެ ފަރާތުން އެ ކުރީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަ ކުރައްވައި ޝަމީމް ލިޔުއްވާފައި ވަނީ އެ ފަރާތަކާ މެދު ގާނޫނުގައި އޮންނަ ފިޔަވަޅު އަޅަން ހުރަހެއް ނޯންނަ ކަމަށެވެ.
"ގާނޫނު ބުނާ ގޮތުން ގާނޫނުގައި ބުނާ ދުވަހަށް މައުލޫމާތު ނުދޭ ވަގުތު އެ ހިސާބުން އޮންނަނީ ފުރިހަމަ ވެފަ އެވެ. މާނައަކީ މުއްދަތުގެ ފަހުން މައުލޫމާތު ދިނަސްވެސް ކުށުގެ ތަހުގީގުކޮށް ފިޔަވަޅު އަޅަން ހުރަހެއް ނެތުމެވެ. ވީމާ ހާރިޖީ ވުޒާރާއިން ހެއްދެވި ގޮތަށް ވަގުތު ފާއިތުވިފަހުން މައުލޫމާތު ދިނުމަީ ކުށުން ސަލާމަތްވާ ކަމެއް ނޫން،" ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ.
ޝަމީމް ވިދާޅުވެފައި ވަނީ އަމުރަށް ނުކިޔަމަންތެރި ވުމުން އަމަލު ކުރާ ގޮތް ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގައި އޮންނަ ކަމަށެވެ.
ޝަމީމް ހަވާލާ ދެއްވި މާއްދާގައި އޮންނަނީ މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ ނޫން އަމަލެއް ކޮށްގެން ގާނޫނުގެ ބާރު ހިންގުމަށް ހުރަސްއެޅުމާއި އެކަމަށް ދަތި ކުރުމާއި އެކަމުގެ މަގުސަދު ހާސިލުވިޔަ ނުދިނުމަށް ކޮންމެ ކަމެއް ކުރާ މީހަކު ވެސް އެ ކުރަނީ ކުށެއް ކަމަށެވެ.
އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވާއިރު، އެކަން ކުރާ މީހަކީ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނަމަ، ކުށުގެ އަދަބު އަހަރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރެވިދާނެ ކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެ އެެވެ.
ޝަމީމް މިފަދަ ލިޔުއްމެއް ޝާއިއު ކުރައްވާފައި މިވަނީ ރާއްޖޭގެ ނޫހަކުން ފޮރިން މިނިސްޓަރީން ހޯދަން އެދުނު މައުލޫމާތެއް އެ މިނިސްޓަރީން ނުދިން މައްސަލަ ބެލުމަށްފަހު އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން ވެސް ތަބާނުވެ އެތައް ދުވަހަކު ތިބުމަށްފަހު އެ މައުލޫމާތު ހާމަ ކުރުމުންނެވެ.
ފޮރިން މިނިސްޓަރީން ހާމަނުކޮށް ތިބީ އެ މިނިސްޓަރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެވެ.
Comment