about 22 hours 0
އަހުމަދު އާއިދު
އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގު : ތައިލެންޑަށް ކަނޑައާޅާ ސަފީރަކަށް އޭނާގެ ނަން ވަނީ މިއަދު މަޖިލީހަށް ފޮނުވާފަ -- ފޮޓޯ: އަދަދު
about 22 hours 0
ދައުރު ހަމަވެ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުން އިއްޔެ ވަކިވި ފުއާދު ތައުފީގު، ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ހަމަޖެއްސުމަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުއާދުގެ ނަން ފޮނުއްވިކަން އިއުލާނުކުރީ މިއަދުގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ މައްސަލަ މިއަދު ހާރިޖީ ކޮމިޓީއަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެ ކޮމިޝަނުގެ މެމްބަރު ކަމަށް ފުއާދު އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު އީސީގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.
ފުއާދަކީ މީގެ ކުރިން ވެސް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރު އެންމެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް ފުއާދު އެ ކޮމިޝަނުގައި ހުންނެވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް އެ މަޖިލީހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ސަރުކާރުން މިހާރު ވަނީ އީސީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ފޮނުވާ ފަރާތްތަކުގެ ނަންތައްވެސް ފޮނުއްވާނީ ރައީސުލްޖުމްހުރިއްޔާ ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. އެ އިސްލާހަށް މިއަދު ވޯޓަށް އަހާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ތިބެންޖެހެނީ ފަސް މެންބަރުންނެވެ. ފުއާދުގެ އިތުރުން މިވަގުތު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާ އެވެ.
މީގެތެރެއިން، ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތާއި މުހައްމަދު އާސިފް މެންބަރުކަމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ މައްސަލައަށްވެސް މިއަދު ވޯޓަށް އަހާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment