Advertisement

ރާއްޖޭން ކިޔެވުމުން ވެސް ދީނީ ނަސޭހަތް ދެވޭ ގޮތް ހަދައި، ދަރަޖަކުރަނީ

ފަތުވާ މަހާސިންތާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ. -- އިސްލާމިކް މިނިސްޓްރީ


ރާއްޖޭން ކިޔެވުމުން ވެސް ދީނީ ނަސޭހަތް ދެވޭ ގޮތް ހަދައި، ދަރަޖަކުރަނީ

ރާއްޖޭގެ ޔުނިވާސިޓީތަކުން ކިޔެވުމުން ވެސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ދަރަޖަތަކެއް ވަރަށް އަވަހަށް ކަނޑައަޅަން ވިސްނާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ފަތުވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ ގަވާއިދު މިހާރު އޮތް ގޮތުން ހުއްދަ ދެވެނީ ބޭރުގެ ޔުނިވާސިޓީއަކުން ކިޔަވާފައިވާ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް، ރާއްޖޭން ތައުލީމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި ދީނީ ނަސޭހަތް ދިނުމުގެ ގާބިލްކަން ހުރި މީހުން އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އަރަބި ބަހާއި އިނގިރޭސި ބަސް ދަންނަ، އަދި ދިރާސާކުރުމުގެ ގާބިލްކަން ހުރި މީހުންކަން ފާހަގަ ކުރެއްވި އެވެ.

"އެކަމަކު އެ މީހުންނަކަށް ނެތް ހުއްދައެއް. ހަމައެކަނި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި އޮންނަނީ ބޭރުގެ ޔުނިވާސިޓީތަކުން ކިޔަވާ ބޭފުޅުންނަށް އެކަނި،" ޝަހީމް ވިދާޅުވި އެވެ.

އުސޫލު އެގޮތަށް އޮތުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ދީނީ ނަސޭހަތް ދޭނެ މީހުން ހޯދަން ދަތިވެ، ރަށްތަކުގައި އިސްލާމް ދީނާ މީހުން ދުރުވެގެންދާ ކަމަށާއި، ސްކޫލްތަކުގައި ވެސް ދީނީ ނަސޭހަތް ދިނުމަށް މީހުން ލިބުން ދަތިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ސްކޫލްތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ވެސް ދީނީ ނަސޭހަތް ނުދެވެނީ ބޭރުގެ ޔުނިވާސިޓީގެ ސަނަދެއް ނެތުމުން ކަމަށާއި ނަމަވެސް މަތީ ގްރޭޑުތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ދީނީ ނަސޭހަތް ދެވޭ ވަރުގެ އިލްމީ ގާބީލްކަން ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެންވެ މިކަންކަން ދަރަޖަކުރުމާމެދު ވިސްނަން ޖެހެނީ. މުޖުތަމައު ސަލާމަތް ކުރުމަށް. ސްކޫލް މާހައުލު އިސްލާމްދީނާ ގާތްކުރަން،" އޭނާ ވިދާޅުވި އެވެ.

ވައުޒު ބުނުމާއި އިރުޝާދު ދިނުމާއި ފަތުވާ ދިނުމަކީ މާތް ކަމެއް ކަމަށާއި، އެކަންކަމުގައި ދަރަޖަތައް ކަނޑައެޅުމަށް މިއަދުގެ މަހާސިންތާގައި އިލްމުވެރިން ވިސްނާވަޑައިގެން ލަފާ ދެއްވުމަށް ޝަހީމް އެެދިވަޑައިގަތެވެ.

"އެއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ގާއިމުކުރުމަށްޓަކައި ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ވިސްނޭ،" ޝަހީމް ވިދާޅުވި އެވެ.