Advertisement

ރައީސް ވިދާޅުވާ ރައްޔިތުންގެ ފަޅިއަކީ ސިޔާސީ މުވައްޒަފުން: ހުސައިން

22 ނޮވެންބަރު 2024 - 13:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ: ރައީސް ވިދާޅުވާ ރައްޔިތުންގެ ފަޅީގައި ތިބީ ސިޔާސީ މުވައްޒަފުން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ރައީސް ވިދާޅުވާ ރައްޔިތުންގެ ފަޅިއަކީ ސިޔާސީ މުވައްޒަފުން: ހުސައިން

22 ނޮވެންބަރު 2024 - 13:39 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ރައްޔިތުންގެ ފަޅިއަކީ އެމަނިކުފާނު އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން ތިބި ފަޅި ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ހުސައިން ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވަރަށް ގިނައިން ފާހަގަކުރައްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ދެކޮޅަށް ގޯސް ނިންމުންތަކެއް ނިންމަވަނީ ކޮން ފަޅިއެއްގައި ހުރެގެންކަން ސާފު ނުވާ ކަމަށެވެ.

ނަމަވެސް ސާފުވާ ކަމަކީ ރައީސް މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ އައްޔަނުކޮށްފައި ތިބި ސީޔާސީ މުވައްޒަފުންގެ ފަޅީގައިކަން ކަމަށް ހުސައިން ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ރައްޔިތުންގެ ފަޅިއަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ތިބި ޓައި އަޅާފައި ތިއްބެވި ބޭފުޅުން އެކަނި ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ. މިހާރު އިތުރު ބަޔަކު ހިއެއް ނުވޭ މި ގައުމުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވައިގެން، ރައީސުލްޖުމްހޫރިއްޔާ ލަނޑެއް ނުދެވޭ ނޫނީ ގޯނާއެއް ނުކުރެވޭ، އުނދަގުލެއް ވެސް ނުޖެއްސޭ ބަޔަކު ތިބިހެނެއް،" ހުސައިން ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސްގެން ރައްޔިތުންނަށްވީ ފައިދާއެއް ނެތްކަން ފާހަގަކުރައްވަމުން ހުސައިން ވިދާޅުވީ ދުވަހަކަށްވުރެ ދުވަހެއް ވިޔަފާާރިތައް ފުނޑި، ފޮރިން ކަރަންސީއަށް ވެސް ހައްލެއް ގެނެވިފައި ނުވާ ކަމަށެވެ.

މިގޮތުން ރައީސް މުއިއްޒު ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުންނަށް ތަކުލީފުތައް ނުޖައްސައި އޭގެ ބަދަލުގައި ފައިދާހުރި ކަންކަން ކުރައްވަން ޖެހޭ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

އޭގެ އިތުރުން ހުސައިން ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަކަތައް ބަދަލުވަމުންދާތީ ރައްޔިތުންނާއި ފޮރިން އިންވެސްޓަރުންނަށް ވެސް އެމަނިކުފާނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި ހުރިހާ އެންމެން ތިބީ މާދަމާ ރައީސް ނިންމަވާނީ ކޮން ކަމެއްކަން ނޭގި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.