21 ނޮވެންބަރު 2024 - 12:46 2
މުހައްމަދު ޝަހްޒާން
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
21 ނޮވެންބަރު 2024 - 12:46 2
ގާނޫނުއަސާސީއަށް ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުތަކާއެކު ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލައްވައިފި ކަމަށާއި އެ އިސްލާހުތައް ފާސްކުރަން ނިންމި ވަގުތު އޮއްސިގެން ދިޔައީ މި ގައުމުގެ ޑިމޮކްރެސީގެ އިރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިއްޔެ ފާސްކުރެވިގެން އެދިޔަ ގޮތަށް ގާނޫނުއަސާސީއަށް ކުއްލިއަކަށް އިސްލާހު ގެނައުމަކީ ޑިމޮކްރެޓިކް އެއްވެސް ހަމައަކުން ކަން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"އިއްތިފާގެއް ކަންނޭނގެ، އިއްޔެ ރައްޔިތުންގެ މަޖިލީހުން އެ ބަދަލު ގެންނެވިކަން، ވޯޓު ނަގައި އިއުލާނު ކުރެއްވި ވަގުތު އިއްތިފާގު ވެގެން ދިޔައީ އިއްޔެގެ އިރު އޮއްސި މަގުރިބު ނަމާދަށް ގޮވި ވަގުތާ، އަޅުގަނޑަށް ސިފަ ކުރެވުނީ އިރު އޮއްސިގެން އެ ދިޔައީ ހަމައެކަނި އިއްޔެގެ އިރެއް ނޫނޭ، ރާއްޖެއަށް ރާއްޖޭގެ ޑިމޮކްރެސީގެ އިރު ވެސް އޮއްސިގެން އެ ދިޔައީއޭ، އެ ރަމްޒުވެގެން އެ ދިޔައީ،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރެއް އަމަލު ކުރި ގޮތަކާއި ނުކޮށް ދޫކޮށްލި ކަމަކާ މެދު މައްސަލަ ހުށަހަޅައި، ސިޔާސީ ޕާޓީގެ ވެރިންނަށް ފެނިއްޖެ ހާލަތެއްގައި، އެ މެންބަރަކު ޕާޓީން ވަކިކޮށް، މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަަސާސިއަށް އިއްޔެ ގެނައި އިސްލާހާ އެކު ދައުލަތުގެ ތިން ބާރު ވެސް މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރޭގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރައްވަމުން ގެންދަވަނީ ޕާޓީއަށް ގަބޫލު ކުރެވޭ ގޮތަކަށް ނޫނޭ ވިދާޅުވެ ޕާޓީން މަޖިލީހުގެ ރައީސް ވަކި ކުރައްވައިފި ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަދި މެންބަރުކަމުން މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަހީމް ވަކިވެގެން ދާނެ، އިތުރަށް އެއްވެސް ސުވާލެއް މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް، ކުރެއްވުމުގެ ޖާގައެއް، މަސައްކަތެއް ކުރުމުގެ ފުރުސަތެއް ވެސް މިއަދަކު ނޯންނާނެ،" ޝަހިދު ވިދާޅުވި އެވެ.
އިއްޔެ ގެނައި އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓު ވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ހަމަ އެގޮތަށް އުއްތަމަ ފަނޑިޔާރާއި ނުވަތަ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްފަހު ވެސް ޕާޓީގެ ވިޕްލައިނެއް ނެރެ، އެ ޕާޓީގެ ވިޕް ލައިނާ ހިލާފުވާ ކޮންމެ މީހަކު ރައްޔިތުންގެ މަޖިލީހުން ކަނޑައިލައްވާނެ ކަމުގެ އިންޒާރު އިއްޔެ ގާނޫނުއަސާސީއަށް އެ ގެންނެވި ބަދަލުން ލިބިގެން ދިޔައީ، އެހެންވީމާ ސުޕްރީމް ކޯޓު މިހާރު އެ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި،" ޝާހިދު ވިދާޅުވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަޖިލިސް މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ މުޅި މަފުހޫމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރުން ކަަމަށެވެ. މަޖިލީހުން އިއްޔެ އެ ފާސްކުރި އިސްލާހުތަކާ މެދު ވެސް ރައްޔިތުން ދެކޭ ގޮތް ބަލައި، ހިޔާލު ހުށަހެޅުމުގެ ފުރުަސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ހަމައެކަނި އަދަދު ހަމަ ކުރެވޭތީ، ގާނޫނުއަސާސީއަށް ބަދަލު ގެނެވޭ ވަރަށް ތިމަންމެން އަތުގައި މެންބަރުން އެބަތިއްބޭ ގަބޫލު ކުރައްވައިގެން ކަން ބޭނުން ގޮތަކަށް ކޮށްލުން އެއީ ޑިމޮކްރެސީއެއް ނޫން، އިއްޔެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ ދެއްވަން ބޭނުންފުޅުވި މެސެޖަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ކޮންމެ ކަމެއް، ހިތުހުރި ކޮންމެ ވަގުތެއްގައި ހިތުހުރި ކޮންމެ ގޮތަކަށް ތިމަން މަނިކުފާނު ކުރައްވަފާނެޔޭ،" ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް އިއްޔެ ބަދަލު ގެނަ އެވެ.
އެ ބަދަލުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، މެންބަރުން ވަކިކުރެވޭނެ ގޮތް ލިޔުނެވެ. މި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ހުށަހެޅި އިސްލާހަށް ޕީއެންސީގެ މެންބަރުން ވޯޓު ނުދިނުމުން ފާހެއް ނުވި އެވެ.
މިއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބައެއް ގާނޫނި ވަކީލުން ގަބޫލު ކުރައްވަ އެވެ.
Comment