Advertisement

ގާނޫނުއަސާސީއަށް ގެނައި ބަދަލު މިހާރު ތިއްބެވި މެންބަރުންގެ މައްޗަކަށް ނުހިނގާނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން. -- ފޮޓޯ: އަދަދު ނޫސް


ގާނޫނުއަސާސީއަށް ގެނައި ބަދަލު މިހާރު ތިއްބެވި މެންބަރުންގެ މައްޗަކަށް ނުހިނގާނެ: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ބަޔާންކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު, މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައި ތިއްބެވި އެއްވެސް މެންބަރެއްގެ މައްޗަށް ނުހިނގާނެ ކަމަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން "އަދަދު" ނޫހަށް ވިދާޅުވީ ގާނޫނީ ހަމަތަކާއި، ގާނޫނުއަސާސީއަށް ގެނައި ބަދަލު ލިޔެފައިވާ ގޮތުން މިހާރު މަޖިލީހުގައި ތިއްބެވި މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް މަޖިލީހުގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

"ފަހުން ހެދި ގާނޫނެއް ކުރިން ހިނގާފައިވާ ކަމަކަށް ނުވަތަ މާކުރިން މަޖިލީހަށް ހޮވިފައިވާ ބައެއްގެ މައްޗަށް ރެޓްރޮސްޕެކްޓިވްކޮށް ތަތުބީގެއް ނުކުރެވޭނެތީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ގެނައި ބަދަލުގެ ތެރޭގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ލިޔުނެވެ.

މި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

މި ބަދަލުގެ ސަބަބުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިނިވަން ރައްޔިތުންގެ މަޖިލީހެއްގެ ސިފަ ގެއްލިގެން ދިޔައީ ކަމަށާއި އެހެންވެ، އެއީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެގެން ޕީއެންސީން ގާނޫނުއަސާސީއަށް ގެނައި މި ބަދަލާމެދު، ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެކްސްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގާނޫނުއަސާސީއަކީ ދައުލަތުގެ މިލްކުވެރިންކަމުގައިވާ ރައްޔިތުންގެ ސިޔާދަތީ ބާރު ދައުލަތާ ހަވާލުކުރުމަށް ވާ އަގުދުނާމާއެއް ކަމަށާއި އެއީ މުޅި ރައްޔިތުންގެ މަސްލަހަތު އޮތް އެއްޗަކަށް ވާތީ، އެއަށް ބަދަލެއް ގެންނަން "ފިލިން ފިއްޔަށް ރައްޔިތުންނާ މަޝްވަރާކޮށް ރުހުން ހޯދަންޖެހޭ" ކަމަށެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ޑިމޮކްރެޓިކް އަސާސްތަކާ އަރައިރުންވާ ކަމެއް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާ ކުރުމެއް ނެތި މަޖްލިހުގެ އަގުލަބިއްޔަތު އޮތަތީ ތިމާޔަށް ފެންނަހާ ގޮތަކަށް އަމަލު ކުރަނީ އިސްތިބްދާދިއްޔަ ހަރުކަށި ފިކުރާ ގަޔާވާތީތޯ؟" ސަވާދު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން މެންބަރަކު ޕާޓީން ބަދަލުކުރިޔަސް، ޕާޓީން ވަކިކުރިޔަސް، ގޮނޑި ގެއްލޭ ގޮތަށް އޮތުމުން، ސަވާދު ވިދާޅުވީ ސިޔާސީ ޕާޓިގެ މަންފާޔާއި މަސްލަހަތު، ރައްޔިތުންގެ މަސްލަހަތަށްވުރެ ދޮށިވުމަކީ ދިވެހި ދުސްތޫރީ ނިޒާމު ގަޑުބަޑުވާނެ ކަމެއް ކަމަށެވެ.