Advertisement

ރައީސް އެ އުޅުއްވަނީ މެންބަރުންގެ ބާރު ކަނޑުވާލައި، މުށުތެރެއަށް ބާރު ޖަމާކުރަން:އައްބާސް

20 ނޮވެންބަރު 2024 - 07:28 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއީލް އިމްދާދު


ރައީސް އެ އުޅުއްވަނީ މެންބަރުންގެ ބާރު ކަނޑުވާލައި، މުށުތެރެއަށް ބާރު ޖަމާކުރަން:އައްބާސް

20 ނޮވެންބަރު 2024 - 07:28 1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް، ގާނޫނުއަސާސީ ބަދަލު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ މަނިކުފާނުގެ އަމިއްލަ ޕާޓީގެ މެންބަރުންނަށް އިތުބާރު ނުކުރެއްވޭތީ، ހުރިހާ ބާރުތައް މުށުތެރެއަށް ޖަމާކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ކެމްޕެއިންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނަގަން މަކަރުވެރިކަމުގެ ނިޔަތުގައި މާތްﷲ ގަންދީ ހުވާކޮށްފައި ބުނެ، ހެދި އެއްބަސްވުމަށް އަމަލު ނުކުރެއްވި ބޭފުޅަކު ތިމާ ނިސްބަތްވާ ޕާޓީގެ މެންބަރުންއަށް އިތުބާރު ނެތިގެން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން އުޅުމަކީ ލަދުވެތި ކަމެއް" ކަމަށެވެ.

އެ ވިދާޅުވީ ކޮން އެއްބަސްވުމެއް އަދި ކާކާއެކު ހެދި އެއްބަސްވުމެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުއިއްޒަށް، އެމްޑީއޭގެ ތާއިދު ދިނީ ހެދި އެއްބަސްވުމަކަށް ފަހު ކަމަށްވެ އެވެ.

މި ފަހަކަށް އައިސް އައްބާސް، އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒަށް ނިސްބަތް ކުރައްވައި އައްބާސް ވިދާޅުވީ ގާނޫނުއަސާސީ ބަދަލުކުރަން އުޅޭ އުޅުމުން ދޭހަވަނީ ރައްޔިތުންގެ މައްޗައް އެއްވެސް އިހުލާސްތެރި ކަމެެއް ނެތުމާއި ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށްލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލަން ބޭނުންވެފައި ހުރި މިންވަރު ކަމަށެވެ.

"އަޅުގަނޑުގެ އެކުވެރި އިއްޒަތްތެރި މެންބަރުން ހޭވެރިކަން ވާންޖެހޭ. ހައްދެއް ނެތް މިންވަރަށް ބާރުތައް ނުދިނުމަށް އާދޭހާއެކު އެދެން. ގައުމާއި، ތިމާ އިންތިހާބު ކުރި ދާއިރާގެ ރައްޔިތުން އާ މެދު ފުންކޮށް ވިސްނަވާ،" އައްބާސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އަޑު އިއްވަން، ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުން ފޮނުވާފަ ތިބި، ރައްޔިތުންގެ މަންދޫބުން އަނގަ ބަންދު ކޮށް ބަޓަނަށް އޮބާ ބޮޓުންނަށް ބަދަލު ކުރުމުން އެތަނަށް ރައްޔިތުންގެ މަޖިލީހޭ ކިޔޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

މަޖިލީހުގެ ޕީއެންސީގެ މެންބަރުންނަށް ނަސޭހަތެއްގެ ގޮތުގައި އައްބާސް ވިދާޅުވީ ބަޔަކު ޖަހާ ހާ ބެރަކަށް ނުނެށުމަށެވެ.

މެންބަރުން އިއްޒަތާއި ގަދަރުގައި ދިވެހި ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ހާލަތެއްގައި ތިބޭ ރައްޔިތުންގެ ހާދިމުންނަށް ވުމަށް އޭނާ ހަނދާންކޮށް ދެއްވި އެވެ.

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލު މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގައި ބިލެއް ކުރިއަށް ގެންދިޔުމުގެ މަރުހަލާތައް ކުރުކޮށްލުމަށް ފަހު، ފުރަތަމަ ކިޔުމާއި އިބްތިދާއީ ބަހުސް ވެސް މިއަދަށް އެޖެންޑާކޮށްފައިވެ އެވެ. އަދި މައުލޫމާތު ލިބޭ ގޮތުން މިއަދު އެ ބިލް ފާސްކޮށް ތަސްދީގުވެސް ކުރާނެ އެވެ.

އެ ބިލް ފާސްކޮށްފި ނަމަ މަޖިލީހުގެ މެންބަރުން ވެގެން ދާނީ މަޖިލީހުގެ މެންބަރުން ވާނީ ބަޓަނަށް އޮބާ ބޮޓަކަށް" ކަމަށާއި އޭނާ އެގޮތަށް ނުވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބަދަލުކުރަނީ، ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ އުވާލަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އެ ޕާޓީން ވަކިވާން އުޅޭކަމުގެ އަޑުތައް ވެސް ފެތުރިފައި ވަނިކޮށެވެ.

ގާނޫނުއަސާސީގެ 261 ގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އެހެންވެ، ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރެވޭނީ 70 މެންބަރުންގެ ވޯޓުންނެވެ.

މަޖިލިސް ބެހިފައިވާ ގޮތް

  • ޕީއެންސީ 75
  • އެމްޑީޕީ 12
  • އެމްޑީއޭ 2
  • މިނިވަން 2
  • ޖޭޕީ 1
  • އެމްޑީއޭ 1