19 ނޮވެންބަރު 2024 - 14:32 0
އަހުމަދު އާއިދު
މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު: ބަޖެޓު ބަހުސްގައި އޭނާ ވިދާޅުވީ ސަބްސިޑީތައް ކަނޑާލާއިރު ބިލުތަކާއި ތަކެތީގެ އަގަށް އަންނާނެ ބަދަލުތައް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ
19 ނޮވެންބަރު 2024 - 14:32 0
ސަރުކާރުން ދޭ ބްލެންކެޓް ސަބްސިޑީތައް ކަނޑާލާ ސަބްސިޑީތައް ރީސްޓްރަކްޗާ ކުރަން ނިންމާފައިވާއިރު އެ ނިންމުމުގެ ސަބަބުން ތަކެތީގެ އަގަށް އަންނާނެ ބަދަލުތައް ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭކަަން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުން ވަނީ އަންނަ އަހަރުގެ އޭޕްރިލްއިން ފެށިގެން ސަބްސިޑީތައް އުވާލަން ހުށަހަޅާފަ އެވެ. އެ ގޮތުން ސަރުކާރުން ދެމުން އަންނަ އިންޑައިރެކްޓް ސަބްސިޑީތަކުގެ ތެރެއިން ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ކާޑު އަދި ނަރުދަމާގެ ހިދުމަތް އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީތައް އުވާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޑައިރެކްޓް ސަބްސިޑީތައް އުވާލުމުން ސަބްސިޑީގެ އެހީ ލިބޭނީ އޭގެ ބޭނުންޖެހިފައިވާ މީހުންނަށް ކޭޝް ޓްރާންސްފާ ނުވަތަ ފައިސާގެ ގޮތުގަ އެވެ.
ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ޑައިރެކްޓު ސަބްސިޑީ މޮޑެލް އަކީ ގޯސް ބަދަލެއް ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުގެ ތަފުސީލު ސަރުކާރުން ތިލަކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތި ބޭސް ބޯންވާ ވާހަކަ ރީތިކޮށް ސާފުބަހުން ދަންނަވައިފިއްޔާ ވަރަށް ރަނގަޅު ވާނެ އިއްޒަތްތެރި ރައީސް. ކަރަންޓަށް މިހާރު ދޭ ސަބްސިޑީ ކަނޑާލައިފިއްޔާ ދެން ކަރަންޓު ބިލަށް އަންނާނީ ކޮން ބަދަލެއްތޯ. އާރުޓީއެލް ސަބްސިޑީ ކަނޑާލައިފިއްޔާ އާރުޓީއެލް ޓިކެޓަށް ވާނީ ކިހާވަރެއްތޯ މި އެއްޗެހިން ފެންނަންޖެހޭ،" ޒިޔާދު ވިދާޅުވި އެވެ.
މީގެ އިތުރުން، ޑައިރެކްޓު ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައަޅަން ބަޖެޓުގައި ހިމަނާފައި އޮތް ޕްރޮކްސީ މީންސް ޓެސްޓް (ޕީއެމްޓީ) މޮޑެލްއެއް އާ މެދުވެސް އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ. ޕީއެމްޓީއަކީ ގޭބިސީއަށް ލިބޭ އާމްދަނީ ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ގޭބިސީގެ މައުލޫމާތު ބޭނުން ކޮށްގެން އެ ގޭބިސީއެއްގެ ދިރިއުޅުމުގެ ފެންވަރު ދެނެގަނެވޭ މޮޑެލްއެކެވެ.
"އަޅުގަނޑުމެންނަށް މީގަ ނުރައްކާ ވާ ކަމަކީ، އިޖުތިމާއީ ރައްކާތެރިކަން ލިބޭ ފަރާތްތައް [ހިމެނޭ] ސޭފްޓީ ނެޓުން ބަޔަކު އުނިވުމުގެ ފުރުސަތު އެބައޮތޭ ބަޖެޓު ހަދާފަ ބަޖެޓު ފާސްކޮށްފަ ދެން އެ މިނާފަ، ދެން އެ މިނަން ވެއްޖިއްޔާ. އެންމެ ބޭނުންވާ މީހާ ހޯދުމަކީ ބަޖެޓު ހެދުމުގެ ކުރިން ކުރަން ޖެހޭ ކަމެއް،" އިދިކޮޅު މެންބަރު ވިދާޅުވި އެވެ.
ޑައިރެކްޓް ސަބްސިޑީ ދޭ ކޭޝް ޓްރާންސްފާގެ ނިޒާމަށް ބަދަލުކުރުމުން، އަންނަ އަހަރުގެ ތެރޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ނުވަތަ އިންފްލޭޝަން 3.9 ޕަސެންޓަށް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ލަފާކޮށްފަ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުގައި، އިންފްލޭޝަން މަތި ވަނީ ސިޔާސަތަށް ގެންނަ ބަދަލުތަކުން ކަމުގައިވާތީ، މިކަމުގެ ސަބަބުން އިންފްލޭޝަނަށް ކުރާނެ އަސަރު ދެމިގެންދާނީ އަހަރު ދުވަހަށެވެ. އަދި މެދު ރާސްތާގައި ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށްވަމުންދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކޮށްފައި ވާތީ، ރާއްޖޭގެ ބާޒާރުގައި އަގުތައް އިތުރު މިންވަރު ވެސް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment