about 4 hours 0
މުހައްމަދު ޝަހްޒާން
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓެއް: މިހާރު ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސޯޝަލް ހައުސިން އަޅަނީ އެފްޑީސީން -- ފޮޓޯ: އަދަދު ފައިލް
about 4 hours 0
ފިނޭންސް މިނިސްޓަރީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި އޮތް ހުޅުމާލޭގެ 19 ބިމެއްގެ އަގަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ހިއްސާގެ އަގު ކަމުގައި ބަލައި، އެ މިނިސްޓަރީއަށް އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް އެ ބިންތައް އެފްޑީސީއަށް މިލްކުވެއްޖެ ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ގޮތަށް ސިވިލް ކޯޓުން ހުކުމް ކުރީ އެ ވިޔަފާރީގެ މުއާމަލާތާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީން އެ ކޯޓަށް ހުށަހެޅުމުންނެވެ. ކޯޓުން އެ ބިންތައް ދިނީ އެފްޑީސީގައި ސަރުކާރުން ހިއްސާވާ 103،560،912 ހިއްސާއަކީ އެ މުއާމަލާތުގެ އަގު ކަމުގައި ބަލައިގެންނެވެ.
ފިނޭންސުން ކޯޓަށް ހުށަހެޅި މައްސަލައިގައި އޮތީ އެ މިނިސްޓަރީގެ ނަމުގައި ހުޅުމާލޭގައި އޮތް 19 ބިމަކަށް ވާ އަގު، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ދައުލަތުން ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާއިން އުނިކޮށްދީ ވިޔަފާރީގެ މުއާމަލާތް ހަލާސް ކޮށްދިނުމަށެވެ.
އެ ދެ ބިލިއަން ރުފިޔާ އަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ދުއިސައްތަ މިލިއަން ހިއްސާގެ އަގެވެ. އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ހިއްސާއަށްވާ ފައިސާ ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހެ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ފައިސާ އޮތީ ސަރުކާރުން ނުދައްކަ އެވެ.
އެހެންކަމުން ފިނޭންސް މިނިސްޓަރީން އެދުނީ ސަރުކާރުން ދައްކަންޖެހޭ ފައިސާއިން، އެ 19 ބިމުގެ އަގު އުނިކޮށްދިނުމަށެވެ. ބިންތަކުގެ އަގުގެ ގޮތުގައި އެފްޑީސީން ދައްކަން ޖެހޭ ފައިސާ، ހިއްސާގެ އަގަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާއިން އުނިކުރަން ދައުލަތާއި އެފްޑީސީއާ ދެމެދު އޮތީ ކުރިން އެއްބަސްވެފަ އެވެ.
އެހެންކަމުން ސިވިލް ކޯޓުން މިއަދު ނިންމީ އެފްޑީސީއަށް ސަރުކާރުން ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާގެ ތެރެއިން ހިއްސާގެ އަގު އުނިކޮށް، އެ ބިންތައް އެފްޑީސީއަށް މިލްކުވެފައިވާ ކަމަށެވެ.
Comment