Advertisement

ބަޖެޓު ބަހުސް: ސަބްސިޑީތައް ކަނޑާލުމުގެ ކަންބޮޑުވުން އިދިކޮޅުން އުފުލިއިރު، ޕީއެންސީ މެންބަރުން ދެއްކީ ބަޖެޓުގެ މޮޅު ވާހަކަ

18 ނޮވެންބަރު 2024 - 11:09 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގައި: ޕީއެންސީ ހުރިހާ މެންބަރުން ވެސް ދެއްކީ ބަޖެޓުގެ މޮޅު ވާހަކަ -- ފޮޓޯ: މަޖިލިސް


ބަޖެޓު ބަހުސް: ސަބްސިޑީތައް ކަނޑާލުމުގެ ކަންބޮޑުވުން އިދިކޮޅުން އުފުލިއިރު، ޕީއެންސީ މެންބަރުން ދެއްކީ ބަޖެޓުގެ މޮޅު ވާހަކަ

18 ނޮވެންބަރު 2024 - 11:09 0

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއިރު، ސަބްސިޑީތައް ކަނޑާލުމުގެ ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީއިން އުފުލިއިރު، ވެރިކަން ހިންގާ ޕީއެންސީއިން ދެއްކީ ބަޖެޓުގެ މޮޅު ވާހަކަ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ކުޑޫ) ވިދާޅުވީ، ގިނަ ސަބްސިޑީތަކެއް ކަނޑާލިއިރު އެކަމުގެ މަޝްވަރާ ރައްޔިތުންނާ ކޮށްފައިނުވާ ކަމަށެވެ.

"އެއްވެސް ރޭވުމެއް ނެތި ކުއްލި ކުއްލިއަށް ހަންމުށި އަޅާހެން ސިޔާސަތުތައް މި އަންނަނީ ބަދަލު ކުރަމުން. އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ ހަރަދުތައް، މިފަދަ ބޮޑު ބަދަލުތަކެއް ގެންނައިރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ނުދީ ވަރަށް ބޮޑެތި ނިންމުންތައް ނިންމަމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ ތެލުގެ ސަބްސިޑީ ހިމެނޭ ގޮތަށް ގިނަ ސަބްސިޑީތައް ކަނޑާލުމުން ރައްޔިތުންނަށް ކުރާނެ އަސަރު ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭންޖެހޭނެ ކަމަށެވެ.

"... މާނައަކީ ތެލުގެ އެއްވެސް ސަބްސިޑީއެއް ނެތޭ. ތެލުގެ ސަބްސިޑީ އެއްކޮށް ކަނޑާލާތަން ފެންނަން އޮތް އިރު، މަސްވެރިންގެ ތެލުގެ ސަބްސިޑީއަށް ވަނީ ކިހިނެއްތޯ މަސްވެރިންނަށް ކިޔައިދެއްވާ. ވާން އުޅޭ ގޮތް އަޅުގަނޑުމެން އެބަޖެހޭ މަސްވެރިންނަށް ކިޔައިދޭން. ރައްޔިތުންގެ ސުވާލު ކުރިމަތީ ސަރުކާރަށް ހަނު ނުހުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި، ބައެއް މެންބަރުން ވަނީ ބަޖެޓު ތައްޔާރު ކުރިއިރު، ބައެއް ދާއިރާތަކުގެ މީހުންނާ މަޝްވަރާކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ކޮންމެ ކަމެއްގައި މަޝްވަރާ ކުރަންނުޖެހޭ ކަމަށެވެ.

"2025 ވަނަ އަހަރަސް ލަފާކޮށްފައި މި އޮތް ބަޖެޓަކީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި އޮތް ބަޖެޓެއް ކަމުގައި އަޅުގަނޑަސް ފާހަގަ ކުރެވޭ. ބައެއް ބޭފުޅުން މި ފްލޯގައި ފާހަގަ ކުރައްވައިފި ބައެއް ދާއިރާތަކުން އެބޭފުޅުންނާ މަޝްވަރާނުކޮށް ނުވަތަ އެބޭފުޅުންގެ ހިޔާލު ނުހޯއްދަވާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތުއްތު ކުދިންނާއި ކުޑަކުދިންގެ ތަރައްގީއަށް ބައެއް ކަހަލަ ކަންކަމުގައި ތުއްތު ކުދިންގެ ލަފާއެއް ނުހޯދޭނެ،" އިބްރާހިމް ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ޕީއެންސީގެ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ވިދާޅުވީ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށެވެ.

"2025 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް އަޅުގަނޑު ވެސް ފުރިހަމައަށް ތާއީދު ކުރާ ވާހަކަ ދަންނަވަން. އިއްޒަތްތެރި ރައީސް، މި ބަޖެޓަކީ ހަގީގަތުގައި ވެސް ވަރަށް އުއްމީދީ ބަޖެޓެއް. މި ބަޖެޓަކީ ކުރިން އަހަރުތަކުގައި ފާސްކުރާ ބަޖެޓާ ވަރަށް ތަފާތު ބަޖެޓެއް،" އަބްދުއްލަތީފް ވިދާޅުވި އެވެ.

ހަމަ ޕީއެންސީއަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައި އޮތް ބަޖެޓަކީ ރައްޔިތުން ގުނބޯ ހެއްދުން ހުއްޓުވާލާނެ ބަޖެޓެއް ކަމަށެވެ.

"އިއްޒަތްތެރި ރައީސް މިއީ ދިވެހިންގެ ބަޖެޓެއް. މިއީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ބަޖެޓެއް. އަޅުގަނޑު ފުރިހަމައަށް މި ބަޖެޓަށް ތާއީދުކުރަން. އިއްޒަތްތެރި ރައީސް، މި ބަޖެޓަކީ ދިވެހި ރައްޔިތުން ގުނބޯ ހެއްދުން ނިމުމަކަށް ގެނެސްދޭނެ ބަޖެޓު،" ޒާހިރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެވެ. އެކަމަކު އެވަރުގެ ބޮޑު ބަޖަޓެއް ހުށަހެޅިއިރު، ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ އަދަދު އޮތީ މަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެކަމަށް 10.9 ބިލިއަން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހަމަޖެއްސީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ.

ސަބްސިޑީއަށް ދޭ ފައިސާ މަދު ކުރިއިރު، އެންމެ ބޮޑަށް ކަނޑާލީ ފިއުލް ސަބްސިޑީ އެވެ. މި އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ޖަހާފައި އޮތެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި ޖަހާފައި ވަނީ އެންމެ 433 މިލިއަން ރުފިޔާ އެވެ. އެއީ 80 ޕަސެންޓުގެ ދަށްވުމެކެވެ.

ކާބޯތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރުން ދޭ ސަބްސިޑީގެ ގޮތުގައި މި އަހަރު 352.9 މިލިއަން ޖަހާފައި އޮތެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ޖެހީ އެންމެ 93 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ މި އަހަރު ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ދިން ފައިސާގެ އެންމެ 26 ޕަސެންޓެވެ.

ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދޭ އެހީގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި 216 މިލިއަން ރުފިޔާ ޖެހި އެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ޖެހީ 182 މިލިއަން ރުފިޔާ އެވެ. އެއީ 18 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެއިން ކުރާ ބޭސް ފަރުވާއަށް ދޭ އެހީގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި 176.6 މިލިއަން ރުފިޔާ ޖެހި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގައި ކުރާ ބޭސްފަރުވާއަށް ދޭ އެހީގެ ގޮތުގައި ޖެހީ 144 މިލިއަން ރުފިޔާ އެވެ. އެއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.

ސަބްސިޑީ އެންމެ ބޮޑަށް ދަށްވި އެއް ދާއިރާއަކީ މަސްވެރިކަމެވެ. މަސްވެރިންނަށް ދޭ ސަބްސިޑީގެ ގޮތުގައި މި އަހަރު 413 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނީީ 210 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ 49 ޕަސެންޓުގެ ވެއްޓުމެކެވެ.

އޭގެ އިތުރުން ވެސް ބައެއް ސަބްސިޑީތައް ސަރުކާރުން ވަނީ ކަނޑައިފަ އެވެ. އެގޮތުން ނަރުދަމާ، ޓްރާންސްޕޯޓް އަދި ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީ ވެސް ވަނީ މަދުކޮށްފަ އެވެ.