Advertisement

މަސްވެރިންނަށް ވީ ވައުދުތައް ފުއްދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ: މަސްވެރިންގެ ޔޫނިއަން

18 ނޮވެންބަރު 2024 - 11:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކަންނެލި މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން. ސަރުކާރުން ލޭނު މަސްވެރިކަމަށް ހުޅުވާލުމާ ގުޅިގެން ބީކޭއެމްޔޫއިން ބޮޑު މުޒާހަރާއެއް ކުރި --- ފޮޓޯ: އަދަދުފައިލް


މަސްވެރިންނަށް ވީ ވައުދުތައް ފުއްދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ: މަސްވެރިންގެ ޔޫނިއަން

18 ނޮވެންބަރު 2024 - 11:11 0

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

މި ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއްވި އިރު މިހާތަނަށް އައިއިރު އޭގެ ތެރެއިން ހާސިލު ކުރެވިފައިވަނީ މަދު މިންވަރެކެވެ. ސަރުކާރަށް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ މަސްވެރިކަމުގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ. އެކަމަކު ޔޫނިއަނުން ބުނީ ސަރުކާރަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށެވެ.

"މަސްވެރިންނަށްވީ ވައުދެއް ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނޭ. މަސްވެރިކަމުގެ ވުޒާރާއިން ފެންނަމުންދަނީ އަވަދިނެތި ސިޔާސީ މަސައްކަތުގައި އުޅޭތަން. މަސްވެރިންނަށް ވީ ވައުދު ތަކަކީ ވޯޓް ހޯދުމުގެ ބޭނުމުގައި ވީ ވައުދުތަކެއްކަން ޔަގީން," ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ލިޔެފައިވެ އެވެ.

ރާއްޖޭގައި މަސްވެރިކަން ކުރާ 17,000 އަށްވުރެ ގިނަ މީހުން އުޅޭއިރު އޭގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ރިޔާސީ އިންތިހާބުގައި ދިނީ ރައީސް މުއިއްޒުއަށެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ދަށްވެގެން ކިލޯއަކަށް 20ރ. ދިނުމަކީ ރައީސްގެ ވައުދެކެވެ. އޭގެ އިތުރުން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ.

ސަރުކާރަށް އަހަރެއް ވެގެންދިޔައިރު މަސްވެރިންގެ ގިނަ މުޒާހަރާތަކެއް ހިނގައިފި އެވެ. ބައެއް ފަހަރު ބިލުތަކަށް ފައިސާ ލިބުން ދެ ތިން މަހުން ލަސްވެ މަސްވެރިން މިފްކޯގެ ކާރުހަނާތައް ވެސް ބަންދުކުރި އެވެ.

ބޮޑު ކަންނެލި މަސްވެރިން ވެސް ވަނީ މާލެއަށް އެތައް އޮޑިފަހަރެއްގައި އައިސް މުޒާހަރާކޮށްފަ އެވެ. އެ ޔޫނިއަނުން ދެކޮޅު ހެދީ ސަރުކާރުން ލޭނު މަސްވެރިކަން ތައާރަފު ކުރަން ނިންމުމުންނެވެ. ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އެ ނިންމުން އަނބުރާ ގެންދަން ސަރުކާރަށް މަޖުބުރުވި އެވެ.