Advertisement

ރައީސް މުއިއްޒުގެ ނުރައްކާތެރި ވާހަކައެއް: ވިދާޅުވީ ގާނޫނު ބަދަލުކޮށްގެން ވިޔަސް ބޭނުންވާ ކަމެއް ކުރާނެ ކަމަށް

18 ނޮވެންބަރު 2024 - 10:18 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރައީސް މުއިއްޒުގެ ނުރައްކާތެރި ވާހަކައެއް: ވިދާޅުވީ ގާނޫނު ބަދަލުކޮށްގެން ވިޔަސް ބޭނުންވާ ކަމެއް ކުރާނެ ކަމަށް

18 ނޮވެންބަރު 2024 - 10:18 1

އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ތަކުރާރުކޮށް ވިދާޅުވިޔަސް، އެ ވާހަކައާ ފުށުއަރާ، ނުރައްކާތެރި ވާހަކައެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17، 2023 ގައި ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުން ފާހަގަ ކުރުމަށްޓަކައި ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގާނޫނު ބަދަލުކޮށްގެން ވިޔަސް، ނުވަތަ ކޮންމެ ކަމެއް ކޮށްގެން ވިޔަސް ކުރައްވަން ބޭނުން ކަމެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ހަމައެކަނި މުހިއްމީ ނަތީޖާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގާނޫނާއި ގަވާއިދާ އެއްގޮތަށް، އަދި ގާނޫނުތަކާއި ގަވާއިދަށް ގެންނަޖެހޭ ބަދަލެއް ވިއްޔާ ގެނެސްގެން ވިޔަސް، ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްގެން ވެސް އަޅުގަނޑަށް އަބަދުވެސް މުހިއްމީ، އަޅުގަނޑު ދާން ބޭނުންވާ ހިސާބަށް ދިޔުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިވާހަކަ ވިދާޅުވީ ވަކި ކަމަކާ ގުޅުވައިގެނެއް ނޫނެވެ.

ރައީސް މިހެން ވިދާޅުވިއިރު، ގާނޫނުއަސާސީގެ އަސްލުތަކާއި ރޫހާ ހިލާފަަށް އެންޓި ކޮރަޕްޝަން ކޮމިޝަން އާއި އިލެކްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު އެ މަނިކުފާނު ނެންގެވުމަށް މަޖިލީހަށް ވަނީ ބިލް ހުށަހަޅައިފަ އެވެ.

އެ ބަދަލު ގެންނައިރު، ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އެތައް މައްސަލައެއް އޭސީސީގައި އެބަ އޮތެވެ. އެ މައްސަލަތަކުގެ ކުރިއެރުންތައް އޭސީސީން ހިއްސާއެއް ނުކުރެ އެވެ.

މި ފަހަކަށް އައިސް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ. އެ މަނިކުފާނުގެ ސިޔާސަތާ ދެކޮޅު ވެއްޖެ ނަމަ އެއީ ރައްޔިތުންގެ ފަޅީގައި ނެތް ބައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަ އެވެ.

މިފަދަ ގޮތަށް ސިޔާސަތުތަކާއި ވާހަކަތައް ހުންނާތީ އެ މަނިކުފާނު ވެރިކަން ބަދަލުވެގެން ދަނީ ހުދުމުހުތާރު ވެރިކަމަކަށް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.