Advertisement

އަޅުގަނޑު މީޑިއާތައް ކޮންޓްރޯލް ކުރަން ނޫޅެން، ބޭނުންވަނީ މިހާރަށް ވުރެ ބޮޑަށް މިނިވަންކަން ދޭން: ރައީސް

17 ނޮވެންބަރު 2024 - 22:40 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. ގާތްގަނޑަކަށް ދޮޅުގަޑިއިރު އެމަނިކުފާނު ވާހަކަ ދެއްކެވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އަޅުގަނޑު މީޑިއާތައް ކޮންޓްރޯލް ކުރަން ނޫޅެން، ބޭނުންވަނީ މިހާރަށް ވުރެ ބޮޑަށް މިނިވަންކަން ދޭން: ރައީސް

17 ނޮވެންބަރު 2024 - 22:40 0

މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން" ބިލަކީ އެމަނިކުފާނުގެ ސިޔާސަތު އޮތް ބިލެއް ނޫން ކަމަށާއި މީޑިއާތައް ކޮންޓްރޯލް ކުރައްވަން ނޫޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފުރުން ފާހަގަކުރުމަށް ސަރުކާރުގެ ވެރިންނާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި, ނޫސްވެރިންގެ މެދުގައި ކަންބޮޑުވުން އޮތް މި ބިލާ މެދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވި އެވެ.

"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން," ރައީސް ވިދާޅުވި އެވެ.

ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރައްވާނީ މީޑިއާތައް ބާރުވެރި ކުރުވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން, ސަރުކާރުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމާއި މީޑިއާތައް މަސައްކަތް ކުރުމަށް ޖާގަ ހޯދައިދިނުން ހިމެނެ އެވެ.

އެ ބިލުގެ މައްސަލާގައި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ރައީސްއާ ބައްދަލުކުރުމަށް އެދިފަ އެވެ. އެމްޖޭއޭއިން ރައީސް މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް ނުވަތަ ރައީސް އޮފީހުގެ ސިޔާސީ ޕޮލިސީ އޮފީހުގެ އިސްވެރިންނާ ހިއްސާ ކުރަން އެ ޖަމިއްޔާ އިން އެދޭ ކަމަށެވެ.

މީޑިއާ ކޮމިޝަން ބިލާ ގުޅިގެން އެމްޖޭއޭއިން ބުނީ އެ ބިލު ފާސްވެއްޖެ ނަމަ، ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ޖެހޭނެ ކަމަށެވެ. އެގޮތުން ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތަށް ކަމަށެވެ.