Advertisement

ގުރައިދޫ އެއާޕޯޓު އަޅާނެ ބިން ހިއްކަން އެމްޓީސީސީއާ މިރޭ ހަވާލުކޮށްފި

about 5 hours 0

ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތު: އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށުމަކީ ރައީސް މުއިއްޒުގެ ވައުދެއް -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


ގުރައިދޫ އެއާޕޯޓު އަޅާނެ ބިން ހިއްކަން އެމްޓީސީސީއާ މިރޭ ހަވާލުކޮށްފި

about 5 hours 0

ތ. ގުރައިދޫގައި އެއާޕޯޓު އަޅާނެ ބިން ހިއްކުމާއި ހިއްކާ ބިމުގެ ޝޯ ޕްރޮޓެކްޝަނުގެ މަސައްކަތް ކުރަން އެމްޓީސީސީއާ މިރޭ ހަވާލުކޮށްފި އެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި މި ވަނީ ސަރުކާރަށް މާދަމާ އަހަރެއް ފުރެން މަދު ގަޑިއިރުތަކަކަށްވެފައި އޮއްވަ އެވެ.

އެ މަޝްރޫއުގެ އިތުރުން ވެސް ގިނަ ކަންކަން މި ހަފުތާގެ ތެރޭގައި ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ހަމަ މިރޭ ޑިވެލޮޕްމަންޓު ބޭންކުގެ އޮފީސް ވެސް މާލޭގައި ވަނީ ހުޅުވައިފަ އެވެ.

އޭގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލް ދެ ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި އިއްޔެ އަދި މިއަދު ވަނީ އިފުތިތާހުކޮށްފަ އެވެ. ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއާޕޯޓުގެ މަސައްކަތް ބަޖެޓުގައި ނެތް ނަމަވެސް އެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެމަނިކުފާނު އޮތީ ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ވައުދުވީ ގޮތަށް އަދި އެ ބޭފުޅުން މި ރަށުގެ އެއާޕޯޓް ހެދުމަށް ބަޖެޓުން ޖާގަ ދީފައި ނެތް ނަމަވެސް، އިރާދަކުރެއްވިއްޔާ މި އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނަމޭ. އަޅުގަނޑުމެންނަށް ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، ހޯދާނަން. ހޯދައި، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން،" ފެބްރުއަރީ 6، ގައި އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.