Advertisement

އުތުރުން ދެކުނަށް މަޝްރޫއުތައް ހުއްޓާލައި ތަރައްގީ ވަޅުޖައްސައިފި

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަން ރަމްޒުކޮށްދޭ ކުރެހުމެއް. އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


އުތުރުން ދެކުނަށް މަޝްރޫއުތައް ހުއްޓާލައި ތަރައްގީ ވަޅުޖައްސައިފި

ރާއްޖޭގެ ރަށަކަށް ފޭބުމުން މީގެ އަހަރެއް ކުރިން މުޅިން ވެސް ފެންނަމުންދިޔައީ ތަރައްގީގެ ކުލަވަރުތަކެވެ. ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ތަރައްގީގެ އެކި މަޝްރޫއުތައް ދިޔައީ ހިނގަމުންނެވެ. ނަމަވެސް އޭރު ހިނގަމުންދިޔަ ހުރިހާ މަޝްރޫއެއްހެން އަހަރެއް ތެރޭގައި މިވަނީ ހުއްޓި، ކުރިން ފެންމުންދިޔަ ތަރައްގީގެ ކުލަވަރު އެއްކޮހެން ފަނޑުވެފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސޯލިހުގެ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް ހުއްޓައިނުލާނެ ކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ޑައުންކޮށްލީ ތަރައްގީގެ މަޝްރޫއުތަކުގެ އަޕްޑޭޓްތައް ވަގުތުން އެނގޭ އައިލްސް ވެބްސައިޓެވެ. އެއަށްފަހު ރަށްރަށުގައި ހުރި މަޝްރޫއުތައް ހުއްޓެން ފެށި ހަބަރުތައް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަން ފެށި އެވެ.

ތަރައްގީގެ ދުވެލި މަޑު ޖެހި ތަރައްގީގެ ކުލަވަރު ފަނޑުވުމަށް މެދުވެރިވީ ކޮން ސަބަބެއްތޯ ކޮންމެ މީހަކު ވެސް ހިތާ ސުވާލު ކޮށްލާނެ އެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ދައުލަތުގެ މާލިއްޔަތު މެނޭޖުކުރި ގޮތުގެ ސަބަބުންނެވެ. ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން މަޝްރޫއުތަކަށް ބަޖެޓު ކުރި ފައިސާ ބޭނުން ކުރަން ޖެހުމުންނެވެ.

ސަރުކާރަށް މިއަދު އަހަރެއް ވެގެންދިޔައިރު ރަށްރަށުގައި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހިނގާތަން ފެންނަ ރައްޔިތަކު ނެތެވެ. އުތުރުން ފެށިގެން ދެކުނުގެ ރައްޔިތުންނާ ވާހަކަ ދެއްކުމުން ވެސް ބުނީ އަހަރެއް ތެރޭގައި އެއްވެސް ކަހަލަ ތަރައްގީގެ ކުލަވަރެއް ފެންނަން ނެތް ވާހަކަ އެވެ. އެއްވެސް ކަމެއް ބަދަލު ނުވާ ވާހަކަ އެވެ. ކުރިން ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލިކަމުގެ ޝަކުވާ އެވެ.

މަޑުޖެހިފައި ހުރި ޕްރޮޖެކްޓުތައް ފަށާނެ ދުވަހެއް ވެސް ނޭނގޭ

ބައެއް ކައުންސިލްތަކާ "އަދަދު" އިން ވާހަކަ ދެއްކުމުން، ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުގެ ކަންބޮޑުވުން ފާޅުކުރި އެވެ. އެ ކައުންސިލްތަކުން ބުނާ ގޮތުގައި ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ހިނގަމުންދިޔަ މަޝްރޫއުތައް ހުއްޓިފައި އޮތުމެވެ.

ކައުންސިލުތަކުން ދެކޭ ގޮތުގައި އަހަރު ދުވަސް ވެގެންދިޔައިރު މަޝްރޫއުތައް ހުއްޓިފައި އޮންނަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. އެއީ މަޝްރޫއުތައް ހިނގަމުންދިޔައީ ފައިސާ ހަމަޖައްސައިގެން، ރޭވުންތެރިކަމާ އެކުގައި ވާތީ އެވެ. ނަމަވެސް ބައެއް ކައުންސިލުތަކުން ސަރުކާރުގެ މާލީ ތާށިކަން ފާހަގަކުރި އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު" އަށް ވިދާޅުވީ އެ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ފެބްރުއަރީ 19، ގައި އިފްތިތާހު ކުރި ނަމަވެސް، މިހާތަނަށް ވެސް މަސައްކަތް ފެށިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އޮތް ކަމަށާއި ހައުސިން ޕްރޮޖެކްޓް ވެސް ކުރިއަށް ނުދާ ކަމަށެވެ.

"އޮކްޓޯބަރުގައި ފަށާނެ ކަމަށް ބުނި މަގު ހެދުމުގެ މަޝްރޫއު އަދިވެސް ނުފެށޭ. ރައްޔިތުން އެކަމާ ވަރަށް ބޮޑަށް ތިބީ ކަންބޮޑުވެފައި. ހައުސިން މަޝްރޫއު ވެސް އެގޮތަށް. ރިވެޓްމަންޓް ޕްރޮޖެކްޓް ވަރަށް ސްލޯކޮށް އެބަދޭ ކުރިއަށް،" ރަފީގު ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 50 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 12.7 ކިލޯ މީޓަރެވެ.

ރައީސް މުއިއްޒު ފެބްރުއަރީ 19، ގައި ފުވައްމުލައް ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި އެ ކައުންސިލުން އެދުނު ގޮތަށް އަދި އެމަނިކުފާނު ވައުދުވި ގޮތަށް އެ ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ނަމަވެސް, މިއަދާ ހިސާބަށް އައިއިރު ވެސް މަގު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.

"މި ސަރުކާރުން މަގުގައި ގާ ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް އޮތީ ތައްޔާރުވެފައި. އަހަރެއް ވެގެންދިޔައިރު ވެސް އެންމެ މަގެއްގައި ވެސް ގަލެއް ނުޖެހޭ. އެއްވެސް ކަމެއް ނެތް ލޯ މައްޗަށް ފެންނަން ކުރެވިފައެއް،" މަހިބަދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝާތިރު ވިދާޅުވި އެވެ.

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސެއިން "އަދަދު" އަށް ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ރަށުގެ ބަނދަރު ހެދުމަށް ބޭނުންވާ އެކްސްކަވޭޓަރާ އެކު ޓީމެއް އެ ރަށުގައި މޯބިލައިޒް ކުރި ކަމަށާއި ނަމަވެސް މިއަދާ ހިސާބަށް ވެސް މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

"ތިނަދޫއަށް ރައީސް މުއިއްޒު ވެފައި އޮތް ހަމައެކަނި ވައުދު ފަނުފުލުން ގޮސްފައި އޮތީ. ބަނދަރު ހަދައިދޭން ބުނި ވައުދަށް ގެނައި ޓީމަށް ރަށުގެ ރައްޔިތުން ހިދުމަތް ދެމުންދާތާ އެތައް ދުވަހެއް. މިކަމާ ގުޅިގެން އެކި އިދާރާތަކަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުވައިފިން. ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ މަސައްކަތް ފަށާނެ ކަމަށް އެކި ދުވަސްތައް ދިނުމަށްފަހު، މިހާރު ރަށުގައި އޮތް އެމްޓީސީސީގެ ޓީމު ގެންދަން ނިންމާފައިވާ ކަމުގެ ހަބަރުތައް ވެސް ލިބިފައިވާ ކަމަށާއި އެ ރަށުގެ ބަނދަރު ސަރުކާރުން ހަދައި ނުދޭން އުޅޭ ސަބަބެއް ނުބުނާ ކަމަށެވެ.

އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ގުޅުއްވައި އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ޝިގާފު ފާހަގަކުރެއްވި އެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކިޔައި ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) "އަދަދު" އަށް ވިދާޅުވީ މާފަރުގައި ކުރިއަށްދާ އެއާޕޯޓު މަޝްރޫއު ފިޔަވައި އެހެން އިތުރު މަޝްރޫއެއް އެ ސަރަހައްދުގައި ކުރިއަށް ނުދާ ކަމަށާއި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ނުދިޔުމަކީ އޭނާގެ ކަންބޮޑުވުމެއް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެއްފަހަރާ ހުރިހާ މަޝްރޫއެއް މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔުމުން ކުރިން ވެސް އެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓޭނެ ކަމަށް ބުނަމުންދިޔަ ކަމަށާއި އެގޮތަށް ދެކުނީ ހަރަދުބޮޑުކޮށް އެއްފަހަރާ މަޝްރޫއުތައް ހިންގުމުން ކަމަށެވެ.

"މާފަރު އެއާޕޯޓު ފިޔަވައި އެހެން މަޝްރޫއުތައް ހުރީ ހުއްޓިފައި. އެއްފަހަރާ ހަރަދު ބޮޑުކޮށް ޕްރޮޖެކްޓްތައް ހިންގުމުން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ކުރިން ވެސް ބުނިން. އެއްފަހަރާ އެގޮތަށް ބައިވަރު ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުން ރަށަށް ގެއްލުން ވެސް ވޭ. އެކަމަކު މަޝްރޫއުތައް ހުއްޓިފައި ހުރުމުން ވެސް އެބަހުރި ކަންބޮޑުވުންތައް. ނޭގޭ ފައިސާ ނެތިގެން ލަސްކުރަނީ ކަމެއް ވެސް،" ބަޝީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރަށުގައި ފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓި، މަޑުޖެހުމުގެ ސަބަބުން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލުން ސަރުކާރާ މެދު މިދިޔަ އޮކްޓޯބަރު މަހު ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

އެ ކައުންސިލުން ބުނީ 2021 އިން ފެށިގެން ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއަކީ އެ ރަށުގެ އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތަކާ ގުޅިފައި އޮތް މަޝްރޫއެއް ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމި ލަސްވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މަޝްރޫއުތަކަށް ގެންދިޔަ ތަކެތި އަނބުރާ ގެންދާތީ ރައްޔިތުންގެ ނުރުހުން

ރަށްރަށުގެ މަޝްރޫއުތަކަށް ގެނެސްފައި ހުރި ސާމާނުތައް އަނބުރާ ގެންދަން އުޅޭތީ މިދިޔަ އެއް އަހަރު ތެރޭގައި އެކި ރަށްރަށުގައި އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލާފަ އެވެ. އެގޮތުން ބައެއް ރަށްރަށުން ހަޅުތާލުކޮށް ރަށުން ސާމާނުތައް ބޭލުނު ނުދީ ހިފަހައްޓާފައި ވެސް އެބަ ހުރި އެވެ. އެ ރައްޔިތުން އެގޮތަށް މުދާތައް ހިފެހެއްޓީ އަނބުރާ ދެން މުދާ ގެންނާނެ ދުވަހެއް ނޭގޭތީ އެވެ.

މިދިޔަ ޖުލައި މަހު ގދ. ވާދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ސަރުކާރުން ވެރިކަމަށް އައިއިރު 80 ޕަސަންޓު މަސައްކަތް ނިމިފައިވާ އިންޖީނުގޭގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެއްވެސް އެންގުމެއް ނެތި ރަށުން ގެންގޮސްފައިވާ ކަމަށެެވެ.

ނަމަވެސް, މި ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ވެސް އެ މަޝްރޫއުގެ މަސައްކަތް މިހާތަނަށް ފަަށާފައި ނުވެ އެވެ. އަދި މަސައްކަތް ލަސްވެގެންދާ ސަބަބެއް މިހާތަނަށް ކައުންސިލަށް އަންގާފައި ނުވެ އެވެ.

"މަޝްރޫއު ހިންގާ ސައިޓު ވެސް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވާން ގާތްވެފައި ހުރީ، އަޅުގަނޑުމެން ވާދޫ ރައްޔިތުންގެ ޝަކުވާތައް އެ ބަޔާނުގައި ހުރީ،" ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ކުރިން ވިދާޅުވި އެވެ.

ހދ. ކުމުންދޫގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ގެނައި ކޭބަލްތަކެއް ފެނަކައިން އެހެން ރަށަކަށް ގެންދަން އުޅުމުން މިދިޔަ ސެޕްޓެމްބަރު މަހު މައްސަލަ ގޯސްވި އެވެ. އެކަމާ ގުޅިގެން ކުމުންދޫ ކައުންސިލުގެ މެންބަރު އަލީ ގާސިމް ވިދާލުވީ ކަރަންޓް އަޕްގްރޭޑިންއަށް ގެނައި ކޭބަލްތައް އަނބުރާ ގެންދަން އުޅުމުން އެކަމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލި ކަމަށެވެ.

"ނެޓްވޯކް އަޕްގްރޭޑް ކުރަން ވެގެން ގެނައި ކޭބަލްތަކެއް އެއީ. މިދިޔަ ސަރުކާރުން ގެނައި އެއްޗެހިތަކެއް އެއީ. އެ އެއްޗެހި ގެންދިޔަ ވަގުތު ކޮންމެވެސް ވަރަކަށް ހޫނުވެގެން ދިޔައީ. ހަތަރު ރޯލު ގެންދިޔައީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ކޭބަލްތައް ގެންދިޔައީ ކަރަންޓް އަޕްގްރޭޑިންގެ މަސައްކަތް ރަށުގައި މުޅިން އެއްކޮށް ނިންމާނުލެވެނީސް ކަމަށާއި އަލަށް އާބާދުވީ ސަރަހައްދުގައި ވެސް މިހާތަނަށް ކަރަންޓު އެޅިފައި ނުވާ ކަމަށެވެ. އޭގެއިތުރުން ރަށުގައި ބައެއް ސަރަހައްދުތަކުން މިހާރު ވެސް ކަރަންޓު ނުލިބޭ ތަންތަން ހުރިކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކޭބަލްތައް ގެންދިޔައީ އެ ތަންތަނުގައި މަސައްކަތް ނުކުރެވެނީސް ކަމަށެވެ.

އއ. އުކުޅަސް މަގު ހަދަން ކުރީގެ ސަރުކާރުން އެރަށަށް ގެންގޮސްފައި ހުރި ތަކެތީގެ ތެރޭގައި ހިމެނޭ ހިމުން ހިލަތަކުން ބައެއް، މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ރަށުން ގެންދިޔަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ކުރީ ސަރުކާރުން ފެށި އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫއަށް ގެންދިޔަ ހިމުން ހިލަތަކުން ބައެއް މިސަރުކާރުން ގެންދިޔައީ މާފަރު އެއާޕޯޓު ހެދުމުގެ މަޝްރޫއަށެވެ.

"މަގު ހަދަން ގެނެސްފައި ހުރި ހިމުން ހިލަތައް ގެންދިޔައީ. އެމްޓީސީސީން ބާޖެއް ކައިރިކޮށްފައި ލޮރީއަށް އެ އެއްޗެހި އަރުވައި ލޯޑްކޮށްގެން ގެންދިޔައީ،" އެކަން އެނގޭ މީހަކު ބުންޏެވެ.

އުކުޅަހުން "އަދަދު" އާ ވާހަކަ ދެއްކި މީހާ ބުނީ މަގު ހެދުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް ދިޔަ ނަމަވެސް، މަގު ހަދަން ގެނައި ސާމާނު ގެންދިޔުމުން މަޝްރޫއު ނިމުން ލަސްވާނެ ކަމަށެވެ.\

ސަރުކާރުން ރަށްރަށަގެ މަޝްރޫއުތަކަށް ގެންގޮސްފައި ހުރި ސާމާނު ގެންދާތީ ރައްޔިތުން ރުޅިގަދަވަނީ ދެން އަލުން އެ މަޝްރޫއުތައް ފެށޭނެ ދުވަސް ލަސްވާނެތީ އެވެ. އެގޮތުން މަޝްރޫއުތައް ހުއްޓުމަކީ ވެސް މިހާރު ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު ޝަކުވާ އެވެ.

މަޝްރޫއުތައް ބާތިލުކޮށް، މަޝްރޫއުތަކަށް ނަގާފައި ތިބި މުވައްޒަފުން ވަނީ ވަކިކޮށްފައި

އެމްޑީޕީ ސަރުކާރުގައި ފެނަކައާ ހަވާލު ކޮށްފައި އޮތް 16 ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތަކެއް މި ސަރުކާރުން ވަނީ ބާތިލު ކޮށްފަ އެވެ. އެއީ ބ. ދޮންފަނު، ބ. ފެހެންދޫ، ބ. ފޮޅަދޫ، ބ. ކުޑަރިކިލު، ށ. ބިލެއްފަހި، ށ. ނޫމަރާ، ނ. ލަންދޫ، ނ. މިލަދޫ، ނ. މަގޫދޫ، ތ. މަޑިފުށި، ތ. ދިޔަމިގިލި، މ. ރަތްމަންދޫ، މ. ނާލާފުށި، ލ. ކުނަހަންދޫ އަދި އދ. ފެންފުށީގެ މަޝްރޫއު އެވެ.

އެ މަޝްރޫއުތައް ފެނަކައިން ބާތިލުކުރީ ގެއްލުން ވާނެ ކަމަށް ބަހަނާ ދެއްކުމަށްފަހު އެވެ. އެގޮތުން ތަފްސީލު ނުދީ ފެނަކައިން ބުނީ މަޝްރޫއުތައް ހިންގައިފިނަމަ، ކުންފުންޏަށް 170 މިލިއަން ރުފިޔާ ގެއްލުންވާނެ ކަމަށެވެ. އެކަމަކު މަޝްރޫއުގެ އެއްބަސްވުން ބާތިލުވުމުން ލިބޭނެ ގެއްލުމެއް ފެނަކައިން ހާމަ ނުކުރެ އެވެ.

ފެނަކައިން މިދިޔަ ސެޕްޓެމްބަރު މަހު އެ މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލު ކުރުމަށްފަހު، އެ މަޝްރޫއުތައް މިހާތަނަށް އެއްވެސް ބަޔަކާ ހަވާލު ނުކުރެ އެވެ. އަދި މަޝްރޫއުގެ މަސައްކަތެއް މިހާތަނަށް އެއްވެސް ރަށެއްގައި ފެށިފައެއް ވެސް ނުވެ އެވެ.

މިދިޔަ އޯގަސްޓު މަހު ފެނަކައިން އެކި މަޝްރޫއުތަކަށް ނަގާފައި ތިބި 731 މުވައްޒަފުން ވަކިކުރި އެވެ. އެ މުވައްޒަފުން ވަކި ކުރީ މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާގެ ޔަގީންކަން ދިނުމަށްފަހު، މިދިޔަ އޯގަސްޓު މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އޭގެތެރެއިން ބައެއް މުވައްޒަފުން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކި ކުރަން ނިންމުމުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވި ކަމަށާއި ވަޒީފާއިން ވަކި ކުރީ މަޖިލިސް އިންތިހާބާ ދިމާކޮށް ވީ ވައުދާ މުޅިން ހިލާފަށް ކަމަށެވެ.

"އަޅުގަނޑުގެ އަންހެނުން އިނީ ބަލިވެ. އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ނުކޮށް ވަރަށް ބޮޑަށް ފެނަކައިގެ ވަޒީފާއަށް ބަރޯސާވެގެން މިހުރީ. އެކަމަކު ކުއްލި ގޮތަކަށް މިގޮތަށް ވަކި ކުރުމުން ބޮޑު ގެއްލުމަކާ މިވަނީ ކުރިމަތިލާން ޖެހިފައި،" ފުވައްމުލަކުން ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

އޭގެއިތުރުން ހއ. ދިއްދޫއިން ވެސް ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ވަނީ ވަކިކޮށްފަ އެވެ. އެ މުވައްޒަފުންނަށް ވެސް މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދިނެވެ. ނަމަވެސް ފަހުވަގުތު އިންތިހާބު ނިމުމާ އެކު ސަރުކާރުގެ ރާގު ބަދަލުވީ އެވެ.

ފެނަކައިން މުވައްޒަފުން ވަކިކުރީ އެ މުވައްޒަފުންނަށް ހިނގަމުންދާ ހަރަދު ބޮޑު ކަމަށް ބުނެ އެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ހަރަދު ކުޑަކޮށް ފެނަކަ ހިންގުން ކަމަށްވާތީ، އެ މުވައްޒަފުން ވަކި ކުރަން މަޖުބޫރުވީ ކަމަށް ފެނަކައިން ބުންޏެވެ.

--

ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ރަށްރަށުގެ ތަރައްގީގެ ދުވެލި ހުއްޓި ރައްޔިތުން ތިބީ ނާއުންމީދުވެފަ އެވެ. އެ ރައްޔިތުންނަށް ލޯ ކުރިމަތިން ފެންނަމުންދިޔަ ތަރައްގީގެ ހުޅުކޮޅު ނިވިއްޖެ އެވެ. އެއީ ހަމަގައިމު ވެސް މި ސަރުކާރުން ވެރިކަމަށް އައިއިރު ވީ ވައުދާ ހިލާފު ކަމެކެވެ. ސަރުކާރުން ވައުދުވީ އެއްވެސް މަޝްރޫއެއް ހުއްޓާނުލުމަށެވެ.

އޭގެއިތުރުން ރަށްރަށުގެ ރައްޔިތުންނަށް ލިބުނު އަނެއް ހިތްދަތި ކަމަކީ އެ ރަށްރަށުގެ މަޝްރޫއުތަކަށް ނަގާފައި ތިބި މުވައްޒަފުންގެ ވަޒީފާތައް ގެއްލުމެވެ. އޭގެ ސަބަބުން އެތައް އާއިލާއެއް މިއަދު ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ސަރުކާރުން ކުރިން ވައުދުވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމެވެ.

ނަމަވެސް އެ މުވައްޒަފުންގެ ޝަކުވާއަކީ ވެސް ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުކޮށް މަތި ބަރު ކުރަމުންދާއިރު ހަރަދު ކުޑަ ކުރުމުގެ ނަމުގައި ވެސް އެންމެ ފުރަތަމަ އެންމެ އާދައިގެ މީހުންނަށް ޓާގެޓް ކުރުމެވެ. މި ސަރުކާރުން ސިޔާސީ މުވައްޒަފުން މަދުކުރި ކަމަށް ބުނާއިރު މިހާތަނަށް ތަފްސީލެއް ނުދެ އެވެ. އެއީ ކުރި ކަމެއްކަން ވެސް މިހާތަނަށް ކަށަވަރު ނުވެ އެވެ.

ރައްޔިތުން އުންމީދުކޮށްގެން ތިބީ ރައީސް މުއިއްޒުގެ ދެވަނަ އަހަރު އެ ރައްޔިތުން ނިސްބަތްވާ ރަށްރަށަށް ކޮންމެވެސް ވަރެއްގެ ކަމެއް ކޮށްދޭނެ ކަމަށެވެ. ނަމަވެސް ގިނަ ރައްޔިތުންގެ އުންމީދެއް ނެތެވެ. އެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ރައީސް މުއިއްޒުގެ ވިސްނުން ހުރީ ކުރިން ގެންގުޅުނު ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމުގެ ސަގާފަތުގެ ބަދަލުގައި އާބާދީ އެއްފަސްކޮށް ތަރައްގީ ކުރުމެވެ.