Advertisement

20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލަން ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދަނީ

1 ޑިސެންބަރު 2024 - 18:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް


20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލަން ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދަނީ

1 ޑިސެންބަރު 2024 - 18:07 0

ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެކުލަވާލަން މަސައްކަތް ފެށި ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަން ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

މާލީ ވުޒާރާއިން ގެޒެޓުކުރި އިއުލާނުގައި ބުނީ، މި މަސައްކަތް ހަވާލުކުރެވޭ ފާމަކުން ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އެކުލަވާލާ 20 އަހަރުގެ މި ޕްލޭނުގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ތަންފީޒުކޮށް މޮނީޓާ ކުރެވޭނެ ނިޒާމެއް ހިމަނަންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މިކަމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުން އީއައިއޯ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ޑިސެމްބަރު 16، ގެ ރަސްމީ ގަޑި ހަމަވުމުގެ ކުރިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރާ ފަރާތްތަކަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ވުޒާރާއިން ބުނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން، އެ ކުންފުނީގައި އަދި ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި މިކަން ކުރުމުގެ ގާބިލުކަން ހުރިކަން ލިޔެކިޔުމުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރަންސް މާދަމާއިން ފެށިގެން މާލީ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ޕްލޭންގެ މަސައްކަތް ފެށުމަށް ނޮވެމްބަރު 6، ގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ 20 އަހަރުގެ ޕްލޭން ވާނީ ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީ ބައްޓަން ކުރުމަށާއި ގައުމު ދަތުރު ކުރާނެ ފަހި މިސްރާބެއް ކަނޑައެޅުމަށް އެކުލަވާލެވޭ މުހިންމު މަގު ޗާޓަކަށް ކަމަށެވެ.

ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނު އަސާސީއަށް މާއްދާއެއް އިތުރު ކުރަން ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.