Advertisement

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ މީހުންގެ މައުލޫމާތު މުދިމުން ސަރުކާރަށް އަންގަންޖެހޭ ގަވާއިދެއް

މާލޭގައި ތަރާވީހު ނަމާދު ކުރުން: ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާނަމަ މުދިމުން އެކަން އަންގަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ: އަދަދު ފައިލް


ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ މީހުންގެ މައުލޫމާތު މުދިމުން ސަރުކާރަށް އަންގަންޖެހޭ ގަވާއިދެއް

ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާނަމަ މިސްކިތު މުދިމުން އެކަން ސަރުކާރަށް އަންގަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން އުސޫލެއް ހަދައިފި އެވެ.

އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލުގައިވާ ގޮތުން ސުންނަތް ޖަމާއަތާއި އިސްލާމީ އާދަކާދަތަކާ ފުށުއަރާ ގޮތަށް މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީއަށް އަންގަން ޖެހެ އެވެ.

"ސުންނަތް ޖަމާއަތުގެ މަޒުހަބު ނޫން އެހެން މަޒުހަބެއް ރާއްޖޭގައި ތައާރަފު ކުރުމަށް މަގުފަހިވާ ކަންކަން ނުކުރުމާއި، އެފަދަ ހަރަކާތްތަކަށް ޖާގަނުދިނުމާއި، އެފަދަ ކަންކަން މިސްކިތުގައި ހިނގާނަމަ މިނިސްޓްރީއަށް އެންގުން،" އިމާމުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލު ހެދީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑާ އެއްގޮތަށް އަމަލު ކުރާ ބައެއްކަން ކަށަވަރު ކުރުމަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ އުސޫލުގައި، އިމާމުންނާއި މުދިމުންގެ ވާޖިބާއި މަސްއޫލިއްޔަތު، ހެދުން ބަހައްޓަންވީ ގޮތާއި ފަރުވާތެރިވާންވީ ކަންކަން، އަމިއްލަ ކަންތައްތަކާއި އުޅުން ބަހައްޓަންވީ ގޮތް ވަނީ ބަޔާންކޮށްފަ އެވެ. އަދި މިސްކިތުގައި އަޅުކަމާ ގުޅުންހުރި ކަންކަމުގައި އަމަލު ބަހައްޓަންވީ ގޮތާއި މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމުގައި އަމަލުކުރަންވީ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ އުސޫލަށް އަމަލު ނުކުރާ އިމާމުންނާއި މުދިމުންގެ ޝަކުވާއެއް ލިބިއްޖެ ނަމަ، މައްސަލައިގެ ބޮޑު މިނަށް ބެލުމަށްފަހު ފިޔަވަޅު އެޅުމުގެ އިހުތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ. އެގޮތުން އިމާމުވެ ނަމާދު ކުރުމުން އެކަހެރި ކުރުމުގެ އިހުތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވެ އެވެ.