Advertisement

މަހުރަމަކާ ނުލައި 45 އަހަރުން ދަށުގެ އަންހެނުންނަށް އުމްރާއަށް ދެވޭ ގޮތް ހަދަނީ

10 އޮކްޓޯބަރު 2024 - 10:46 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާ ވިދާޅުވީ އެ މާއްދާ އުވައިލަން އެންގީ ސައުދީން ވެސް އެ އުސޫލު މިހާރު އުވާލައިފައި ވާތީ ކަމަށް -- ފޮޓޯ: އަދަދު ފައިލް


މަހުރަމަކާ ނުލައި 45 އަހަރުން ދަށުގެ އަންހެނުންނަށް އުމްރާއަށް ދެވޭ ގޮތް ހަދަނީ

10 އޮކްޓޯބަރު 2024 - 10:46 2

އުމުރުން 45 އަހަރުން ދަށުން އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ، އިއްޔެ އާންމު ކުރި ދިވެހިރާއްޖޭން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުން އުނިކުރަން އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފި އެވެ.

މީޑިއާތަކަށް ޝަހީމް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ 45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވައިލަން އެންގީ ސައުދީއަރަބިއްޔާގެ ގަވާއިދުން އެ މާއްދާ މިހާރު އުވާލާފައި ވާތީ ކަމަށެވެ. އުމުރުން 45 އަހަރުން ދަށުގެ އަންހެނުންނަށް އުމްރާއަށް ނުދެވޭ ގޮތަށް ކަނޑައަޅާފައި އޮތީ އިއްޔެ އާންމުކުރި އުސޫލުގެ 22 ވަނަ މާއްދާގެ ވ. ގަ އެވެ.

"މި މާއްދާ އުވައިލަން ވާނެ އަންގާފައި. މިއީ ސައޫދީގެ ހައްޖާއި އުމްރާ އާ ބެހޭ އުސޫލުތަކުގައި އެހެން އޮންނާތީ ރާއްޖޭގެ މިހައިތަނަށް އަމަލު ކުރާ ހައްޖު އުމަރާ އާ ބެހޭ ހުރިހާ އުސޫލެއްގައި ކުރިން ވެސް އޮންނަ މާއްދާއެއް،" ޝަހީމް ވިދާޅުވި އެވެ.

މަހުރަމަކާ ނުލައި އަންހެނުންނަށް ދަތުރު ކުރެވޭ ގޮތަށް އުސޫލު ބަދަލު ކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ 2016 ގަ އެވެ. އެ މަސައްކަތުގެ ތެރެއިން ސައޫދީއަރަބިއްޔާގެ 14،000 އަންހެނުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް އެ ގައުމުގެ ސަރުކާރަށް އޭރު ހުށަހެޅި އެވެ.

މަހުރަމަކާ ނުލައި ހައްޖާއި އުމްރާއަށް ދެވޭ ގޮތަށް ސައުދީއަރަބިއްޔާއިން ފުރަތަމަ ހެދީ ކޮވިޑު-19 އާ ގުޅިގެން ހައްޖުގެ އަޅުކަން މެދުކެނޑުމަށްފަހު 2021 ވަނަ އަހަރު އެ ފުރުސަތު ހުޅުވައިލިއިރު އެވެ. އެ ނިންމުން ދާއިމީކޮށް ސައުދީގެ އުސޫލު ބަދަލު ކުރީ އޮކްޓޯބަރު، 2023، ގެ ތެރޭގަ އެވެ.

އެ ނިންމުމާ ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނެވެ. މަހުރަމުންނަކީ ފިރިމީހާ އާއި ބޭބެ އާއި ބައްޕަ ފަދަ ނަސަބުގެ ގޮތުން ކައިވެނި ކުރުން ދާއިމަށް ހަރާމް ފިރިހެނުންނާއި އެއްކިރުގެ ގޮތުން ކައިވެނި ހަރާމް ފިރިހެނުންނެވެ.