15 ނޮވެންބަރު 2024 - 21:46 0
މުހައްމަދު ޝަހްޒާން
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލް: މިތަނުން ހިދުމަތް ދޭން ފެށީ 2019 ގައި -- ފޮޓޯ: އަދަދު ފައިލް
15 ނޮވެންބަރު 2024 - 21:46 0
މީގެ ފަސް އަަހަރު ކުރިން ހިދުމަތް ދޭން ފެށި ދަރުމަވަންތަ ހޮސްޕިޓަލް، ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
އެކަމަށް ހާއްސަކޮށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލުން ފުރަތަމަ ހިދުމަތް ދޭން ފެށީ އޭޕްރިލް 2019 ގަ އެވެ. އެ ހޮސްޕިޓަލް މިރޭ ރަސްމީކޮށް ހުޅުވާފައި ވަނީ ރާއްޖެއަށް މުޅީން އާ ހިދުމަތްތަކަކާ އެކު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެ ހޮސްޕިޓަލުގެ ބޮޑު ބައި އޮތީ ބޭނުން ނުކޮށް ގުދަނެއްގެ ގޮތުގައި ދޫކޮށްލާފައި ކަމަށެވެ. އަދި ހޮސްޕިޓަލުގައި ހުރި ބައެއް މެޝިނަރީޒް ވެސް ސާވިސް ނުކުރުމުގެ ސަބަބުން ހުރީ ވަރަށް ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ހަލީމް ތުހުމަތު ކުރެެއްވި އެވެ.
"މިރޭ މި ފެންނަނީ މުޅިން އެހެން ހާލަތެއް، ތަފާތު މަންޒަރެއް އާ ރާސްތާއެއް، އާދެ ހޮސްޕިޓަލުގައި ހުރި ފިނިހޫނުމިން ހިފަހައްޓާ މަސައްކަތްތައް ތާވަލު ކުރެވި ޗިލަރުތަކުގެ ކޮމްޕުރެސަރުތައް ބަދަލު ކުރެވި އިމާރާތުގެ ފިނިކުރާ ނިޒާމުގެ މައްސަލަތައް މިވަނީ ހައްލު ކޮށްފައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ހިދުމަތް ދިނުމަށް ބޭނުންވާ ސްޓޭންޑަޑް ޕްރޮސީޖާތައް މިހާރު ވާނީ ހަދާފައި،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވީ ކެތު ލެބަށް ވެސް ބޭނުންވާ އެންމެ ޒަމާނީ އާލާތްތައް ހޯދައި ބޭނުން ނުކުރެވޭ ގޮތަށް ހުރި މެޝިނަރީޒް ވެސް ބަދަލު ކޮށްފައިވާ ކަމަށެވެ.
"މި ހައިބްރިޑް ކެތު ލެބަކީ ހިތާއި ނާރުތަކާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ އިތުރުން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ހައިބްރިޑް ތިއޭޓަރެއްގެ ވަސީލަތްތަކާއެކު ތައްޔާރު ކުރެވިފައިވާ ތަނެއް،" ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ އެމެޖެންސީ ރޫމަކާއި އައިސީޔޫއެއްގެ އިތުރުން ދަރިމައިވުމުގެ މައްސަލައަށް ފަރުވާ ދިނުމަށް ހާއްސަ ނެޝަނަލް ފާޓިލިޓީ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ގާއިމުކޮށްފަ އެވެ.
އެ ހޮސްޕިޓަލާއެކު މިރޭ ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ ވެސް އިފުތިތާހުކޮށްފަ އެވެ. އެ ލޯގޯއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓާތަކެއްގައި ވެސް މީގެ ފަހުން ބޭނުން ކުރާނެ ލޯގޯކަން މިރޭގެ ރަސްމިއްޔާތުގައި އިއުލާނު ކުރި އެވެ.
Comment