Advertisement

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދަން އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

އެމްޑީޕީން ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ؛ އެމްޑީޕީ


ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދަން އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

ނޫސްވެރިންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު އަނބުރާ ގެންދަން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ގޮވާލައިފި އެވެ.

އެމްޑީޕީން މީޑިއާތަކާއި މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އާ އެކު ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ނޫސް ބަޔާނުގައި ބުނީ ބިލާ ގުޅިގެން ނޫސްވެރިން އެންމެ ބޮޑު ކަންބޮޑުވަނީ މީޑިއާތަކުގެ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލާ މީޑިއާ ކޮމިޝަނަށް މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު ދިނުން ކަމަށާއި އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.

"މިއީ، ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ ދަރަޖައަށް ހަނިވެ، ނޫސްވެރިންގެ މަސައްކަތްތަކުގައި ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަލާންޖެހޭނެ ކަމެެއްކަން ނޫސްވެރިންގެ ވާހަކަތަކުން ފާހަގަވެފައިވޭ. އެހެންކަމާއެކު، މި ބިލު އަނބުރައި ގެންދިއުމަށް މި ޕާޓީން ސަރުކާރަށް ގޮވައިލަން،" އެމްޑީޕީން ބުންޏެވެ.

ބިލުގައި އޮތްގޮތުން ކޮމިޝަންގެ ހިންގުމުގެ އެންމެ އިސް ފަރާތްތައް ކަމުގައިވާ ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސަކު ކަނޑައެޅުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާކަން ފާހަގަކޮށް އެ ޕާޓީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަކީ އެ ބިލުގެ އިސް އެއް މަގްސަދު ކަމަށް ބަޔާންކޮށްފައިވާއިރު، ބިލުގެ އެންމެހައި މާއްދާތަކެއް ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ މަސައްކަތުގައި އެ ފަރާތްތަކަށް އޮންނަ އެންމެހައި މިނިވަންކަމެއް ހަނިވެގެންދާ ގޮތަށް ކަމަށެވެ.

ބިލުގައިވާ ގޮތުން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގެ ތެރެއިން ހަތަރު މެންބަރުން ކަނޑައަޅަނީ ސަރުކާރުންނެވެ. އަދި އަނެއް ތިން މެންބަރުން ކަނޑައަޅަނީ މީޑިއާތަކުންނެވެ. އެހެންކަމުން މުޅި ކޮމިޝަނުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށެވެ.

ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ގުޅޭ ގޮތުން ބިލުގައި މީހެއްގެ ހުރުމަތާއި، އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ބަސްތައް ޝާއިއުނުކުރުމާއި، ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަބަރު ގެނެސްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ހުރި މާއްދާތައް ސިފަކުރެވެނީ، ސަރުކާރުން ކުރާ ނޭދެވޭ ކަންކަމާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވާ ގޮތަށް ގެނެސްދޭ އެއްވެސް ހަބަރެއް ފެތުރުނަނުދިނުމުގެ މަގްސަދުގައި ހިމަނައިފައިވާ މާއްދާތަކެއްގެ ގޮތުގައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މީޑިއާ ކޮމިޝަނުން ނުރުހޭ ކޮންމެ ހިނދެއްގައި، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނައިފައިވާ މާއްދާތަކަކީ ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސް އަޅައި، ނޫސްތަކާއި މީިޑިއާތައް ބަންދުކޮށް، ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން އަދާކުރަމުންދާ ދައުރު މުޅިން ނައްތައިލުމަށް ޓަކައި ހިމަނައިފައިވާ މާއްދާތަކެއްކަން ފާހަގަކުރަން،" އެ ޕާޓީން ބުންޏެވެ.

ރައްޔިތުންނާ ގުޅިފައިވާ ކަންކަމުގެ ހަބަރު، ހާމަކަމާއި ދެފުށްފެންނަ އުސޫލަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމުގައްޔާއި ސަރުކާރާއި ރައްޔިތުންގެ މަންދޫބުން ޖަވާބުދާރީކުރުވުމުގައި ވެސް ނޫސްވެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓައި، ސަރުކާރަކުން މަސައްކަތްކުރަންވާނީ، ވީހާވެސް ފުޅާދާއިރާއެއްގައި ނޫސްވެރިކަމުގެ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސްކޮށްދިނުމަށް ކަމަށް ވާއިރު، އެ ކަމުގެ، ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖެ ހާސިލްކޮށްފައިވާ ކުރިއެރުމާއި ކާމިޔާބީތައް އެތަށް ގުނައަކުން ފަހަތަށް ސޮއްސައިިލާނެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިންގެ މެދުގައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

އޭގެއިތުރުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓަކައި ޒިންމާދާރު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

އަދި ގަނޫނު އަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނެގެހެއްޓުމުގައްޔާއި، ވަކިން ހާއްސަކޮށް، ހިޔާލުފާޅުކުރުމާއި، ދުލާއި ގަލަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއްް ކުރުމުގައި އެމްޑީޕީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެ ޕާޓީން އެރިވި އެވެ.