about 18 hours 0
އަހުމަދު އާއިދު
ރައީސް މުއިއްޒު، އީސީގެ ރައީސް ޒާހިދު އާއެކު : އެ ކޮމިޝަނުން އެމްޑީޕީއާ ދެކޮޅަށް ބަޔާން ނެރުނީ ރައީސްގެ ދަރީގެ ވާހަކަ ދެއްކުމުން --- ފޮޓޯ: ރައީސް އޮފީސް
about 18 hours 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުންގެ ވާހަކަ ދެއްކެވުމުން އެކަން ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ބަޔާނެއް ނެރެފި އެވެ.
އީސީން ބަޔާން ނެރުނީ މިކަން ކުށްވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް އެކަން ކުށްވެރިކޮށްފައިވަނިކޮށެވެ.
އީސީގެ ބަޔާނުގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން ކުށްވެރިކުރާ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަގީގަތާ ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން،" އީސީން ބުނެފައިވެ އެވެ.
ރައީސްގެ ދަރިކަލުންނާ ބެހޭ ގޮތުން މަންދީ ވާހަކަ ދެއްކީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ބޭއްވި އިވެންޓަކަށް ވަޑައިގެންނެވި ވަގުތު އެތަނުގެ ކައިރީގަ އެވެ. މުޒާހަރާގެ ބައިވެރިން އެއިރު ތިބީ އައިޔޫއެމް ކުރިމަތީގަ އެވެ.
މިކަމާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނީ، ކުޑަކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތަކުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ގޮވާލާ ކަމަށެވެ.
މިނިސްޓަރު ޝަފީއު ކަންބޮޑުވުން ފާޅުކުރައްވާ މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ، ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށެވެ.
"ކުރެވޭ މިފަދަ ކަންކަމުން ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެކަން ވިސްނާލުމަކީ، ސިޔާސީ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކާއި އަދި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ނުހަނު ބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމަށް ދެކެން،" ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު އިލްތިމާސް ކުރެއްވީ، ސިޔާސީ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންނަށް ނިސްބަތްކޮޮށް ވާހަކަ ދައްކައި ނުހެދުމަށެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment