Advertisement

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ދޭން އެޗްއާރްސީއެމް އިން ގޮވާލައިފި

13 މާރިޗު 2025 - 22:09 0

އެމްޑީޕީއިން ރޭ ކުރި މުޒާހަރާގެ ތެރެއިން: މުޒާހަރާ ރޫޅާލުމުގައި ވެސް ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރަން އެޗްއާރްސީއެމް އިން ގޮވާލި -- ފޮޓޯ: އެމްޑީޕީ


ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ދޭން އެޗްއާރްސީއެމް އިން ގޮވާލައިފި

13 މާރިޗު 2025 - 22:09 0

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނާޅައި އެ ހައްގުގެ ބޭނުން ހިފުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިރޭ ގޮވާލައިފި އެވެ.

އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނާޅަން އެޗްއާރްސީއެމް އިން ގޮވާލާފައި މި ވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ސިލްސިލާކޮށް މުޒާހަރާތަކެއް ކުރަން ފަށާފައި އޮއްވަ އެވެ. އެ މުޒާހަރާތައް މޮނީޓާކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދޭ އަސާސީ ހައްގަކަށްވީ ހިނދު، އެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވެރިކަން ހިންގާ މާލޭގައި އެމްޑީޕީން ކޮންމެ ރެއަކު މުޒާހަރާ ކުރަން ފެށީ މިދިޔަ ހުކުރު ދުވަހެވެ. އޭގެެ ފަހުން ކޮންމެ ރެއެއްގައި ވެސް އެ ޕާޓީން ދަނީ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކޮންމެ ރެއަކު ވެސް ހަރަކާތްތެރިވެ އެވެ.

މުޒާހަރާ ރޫޅާލަން ރޭ ފުލުހުން ކުރި މަސައްކަތުގައި ބައެއް މީހުންނަށް އަނިޔާ ވެސް ވެފައިވެ އެވެ. އަދި މީގެ ކުރިން ރެއަކު ބޭއްވި މުޒާހަރާއެއްގައި މީހަކު ހައްޔަރު ވެސް ކުރި އެވެ. މުޒާހަރާ ކުރާތީ އެމްޑީޕީގެ ސީނިއާ ދެ މީހަކު ފުލުސް އޮފީހަށް ވެސް ހާޒިރު ކުރި އެވެ.

މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާވިކަން އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނުގައި ވެސް ފާހަގަ ކުރި އެވެ. އަދި މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރާއިރު ގާނޫނީ އިމުގެ ތެރެއިން އެ ބާރު ބޭނުން ކުރަން އެ ކޮމިޝަނުން ގޮވައިލި އެވެ.

"މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެޗްއާރްސީއެމް އިން ގޮވާލާފައި ވަނީ މުޒާހަރާ ކުރުމުގައި ސުލްހަވެރިކަން އިސްކުރުމަށެވެ. އަދި އެއްވުން ރޫޅާލަންޖެހޭ ހާލަތްތަކުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް އެ ކޮމިޝަނުން އެދެ އެވެ.