Advertisement

އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މާޒް ސަލީމް އަދި ޓެކްސީ ޑްރައިވަރު ޝާމިން ފުލުހަށް ހާޒިރުކުރަނީ

13 މާރިޗު 2025 - 23:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން މާޒް ސަލީމް (ކ) އަދި އެ ޕާޓީގެ އިސް އޮފިޝަލުންތަކެއް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މާޒް ސަލީމް އަދި ޓެކްސީ ޑްރައިވަރު ޝާމިން ފުލުހަށް ހާޒިރުކުރަނީ

13 މާރިޗު 2025 - 23:21 0

އިދިކޮޅު އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އަހުމަދު ސަލީމް (މާޒް ސަލީމް) އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މާޒް ސަލީމް އާއި ޝާމިން ދަނީ މި މުޒާހަރާތަކުގެ ކޮންމެ ރެއަކުހެން ބައިވެރިވަމުންނެވެ. މިރޭ ކުރިއަށްދާ މުޒާހަރާގައިވެސް އެ ދެ މީހުން ދަނީ ބައިވެރިވަމުންނެވެ.

މީގެތެރެއިން ސަލީމް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބަޔަކާއެކު އެއްވެ އަޑުގަދަކޮށް ޓްރެފިކަށް ހުރަސްއެޅުމާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމެވެ.

ޝާމިން ހާޒިރުކުރަނީ ވެސް ހަމަ މި ތުހުމަތުތައް ކޮށްފަ އެވެ. އޭނާ ހާޒިރުވާން އަންގާފައި އޮތީ ހޮނިހިރު ދުވަހު މެންދުރުފަހު 2:00 ގަ އެވެ.

ދެ މީހުން ވެސް ހާޒިރުވާން އަންގާފައިވަނީ ހެންވޭރު ދަނޑު ކައިރި ހުންނަ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޓިވް ބިލްޑިންގަށެވެ.

މި މުޒާހަރާތަކާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު, މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ބުދަ ދުވަހު ގަލޮޅު ޕޮލިސް ސްޓޭޝަނަށް އެ ދެ ބޭފުޅުން ހާޒިރުކުރީ ހަމަ އެ ތުހުމަތުތައް ކޮށްފަ އެވެ.

އެމްޑީޕީގެ މުޒާހަރާތަކާ ގުޅިގެން ފުލުހަށް މީހުން ހާޒިރުކުރަން ފަށާފައިވާއިރު އެ މުޒާހަރާގެ ތެރެއިން މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ދެމީހުން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.